އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު ސިފައިންގެ މީހާ ރަނގަޅުވެ އަނބުރާ ގައުމީ ހިދުމަތަށް ނިކުމެއްޖެއެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮވިޑްގެ ފަރުވާއަށް ފަހު އަނބުރާ ގައުމީ ހިދުމަތަށް ނިކުތް މީހާއަކީ ޔޫކޭގައި ހެދި ކޯހަކަށްފަހު ރާއްޖެ އައިއިރު ކޮވިޑް ޖެހިފައިވާ ސިފައިގެ މީހެއް ކަމަށެވެ.
މި މީހާއަކީ ރާއްޖެއިން ކޮވިޑް19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާއެވެ. އެ މީހާ ޕޮޒިޓިވް ވިކަން އިއުލާން ކުރީ މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހުއެވެ. ނަމަވެސް އެމީހާ އަކީ ސިފައިންގެ މީހެއް ކަމަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމައެއް ނުކުރެއެވެ.
ވޮރަންޓް އޮފިސާ ގްރޭޑް 1، މުއައްމަރު މުހައްމަދު ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގުނީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ހެދި ޓެސްޓުތަކުންނެވެ. ކަރަންޓީނުން ދޫކުރުމާ ގުޅިގެން މުއައްމަރު ކުރި ޓްވީޓެއްގައި ބުނީ ބަލިން ރަނގަޅުވެ އެނބުރި ގައުމަށް ހިދުމަތް ކުރުމަށް ނިކުންނަށް ލިބުމަކީ ލިބިގެންދާ ފަހުރެއް ކަމަށެވެ. އޭނާ ވަނީ ކަރަންޓީން ފެސިލީޓީގައި އޭނާ ހޭދަ ކުރި ވަގުތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ކޮވިޑް19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާ ބަލިން އެއްކޮށް ރަނގަޅުވެ ހިދުމަތާ ގުޅިފައިވާ ކަމަށެވެ. އަދި މި މަސައްކަތް އެންމެން އެކުގައި ގުޅިގެން ކާމިޔާބު ކުރެވޭނެ ކަމަށް ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.
މުއަމަރު އެނބުރި ޑިއުޓީއަށް ނުކުތުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ގައުމީ ހިދުމަތަށް ނުކުތުމުން އުފާކުރައްވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި ކޮވިޑް19 ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނައިރު މިއަދު އެކަނިވެސް 8 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ރާއްޖެއިން 527 މީހަކަށް ވަނީ ބަލި ޖެހިފައެވެ.
ރަށަށް ދާންބޭނުން... މިދިޔަ މިހުގެ 15 އިން ފެށިގެން މާލޭގައި ތާށިވެފައި މިހުންނަނީ...
އަލްޙަމްދުލިﷲ