ރައްޔިތުންނާއެކު ހުންނެވިކަން ހާމަކޮށްލެއްވުމަށް، ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނިފައިވާ ށ. އަތޮޅުގެ ނަރުދުއަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވަޑައިގެންފިއެވެ. އަމީން އެރަށަށް ވަޑައިގަތީ ސީޕްލޭންގައި މިއަދު އެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ނަރުދޫ ކައުންސިލުން ބުނީ މިއަދު އެ ރަށަށް ވަޑައިގަތީ ހެލްތް މިނިސްޓަރު އަމީންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލީޑަރު ޑރ. އަލީ ލަތީފް ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބޭފުޅުން އެރަށުގެ ބަނދަރަށް ފައިބާވަޑައިގެން ޓާސްކް ފޯސްގެ ބޭފުޅުންނާ ވާހަކަ ދައްކަވާ، ރަށުގެ ސިއްހީ މަރުކަޒަށް ވަޑައިގަތުމަށް ފަހު އެތަނުގެ ބޭފުޅުންނާ ވާހަކަ ދައްކަވާފައި ފުރާ ވަޑައިގަތީ ކަމަށެވެ.
ހެލްތް މިނިސްތަރީގެ ބޭފުޅުން އެރަށް ވަޑައިގެންފައި ވާއިރު، އެ ރަށުން "ދަ ޕްރެސް" އާ ވާހަކަ ދެއްކި ދެތިން މީހަކު ބުނި ގޮތުގައި އެ ރަށުގައި މަސައްކަތް ކުރާ ޑޮކްޓަރާއި، އެރަށުގެ ދެ ނަރުހުން ތިބީ ކަރަންޓީނުގައި ކަމަށް ވާއިރު މިހާރު ރަށުގައި މަސައްކަތް ކުރަމުން ދަނީ އެ އަތޮޅު ފުނަދޫން ގެނެސްފައިވާ ނަރުހެއް އެކަނިއެވެ.
މީގެ އިތުރުން ރަށުގައި މާސްކާއި އަންގި ނެތް ކަމަށާއި، އެ ދަތުރުގެ ބަދަލުގައި އެ ތަކެތި ރަށަށް ފޯރުކޮށްދިނުން މުހިންމު ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓަރު ނަރުދުއަށް ކުރެއްވި ދަތުރާ ބެހޭ ތަފްސީލެއް ހޯދުމަށް އެޗްޕީއޭގެ ނަންބަރަށް ގުޅުމުން ޖަވާބު ނުދިނުމުން ވަނީ އިތުރަށް ސާފުވާ ގޮތް ނުވެފައެވެ.
ނަރުދޫން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 11 އަށް އަރާފައި ވާއިރު އެމީހުންނަކީ އަމާޒު ބޯޓުން ފުރަތަމަ ޕޮޒިޓިވް ވި އެ ބޯޓްގެ ކެޕްޓަންގެ އާއިލީ މީހުންނާއި ބޯއްޓުން ޕޮޒޮޓިވް ވި 2 ކްރޫއިންނާއި އެމީހުންގެ އާއިލާ މީހުންނެވެ. މީގެ އިތުރުން ށ. މިލަންދޫން މީހަކު ކުރިން ވަނީ ޕޮޒިޓިވް ވެފައެވެ.
އަމާޒު ބޯޓުގެ ކެޕްޓަން، އުމުރުން 49 އަހަރު (ކޭސް 133) ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. އެގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަ ކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓު ކުރުމަށް ވެސް ވަނީ އެދިފައެވެ.