މުޅި ދުނިޔެ މިއަދު އެއް އަންބާއެއް ކިޔަމުން ހަނގުރާމަ ކުރަމުންދަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށްވެސް އަލަށް ތައާރަފުވި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 ނުވަތަ ސާސް-ކޯވް-2 އިން ޖައްސާ ކޮވިޑް-19އާ ކުރިމަތިލުމަށް ތަޖުރިބާކާރުންނާ ސަރުކާރުތައް އެއް ގަލަކަށް އަރައިގެން މިހާރުވެސް މަސައްކަތް ކުރަމުންދަނީ، ހަމަ ލޮލަށްވެސް ނުފެންނަ މި ކުޑަކުޑަ މަޚުލޫގުގެ ކިބައިން އިންސާނީ ހަޟާރާތު ސަލާމަތް ކުރުމަށެވެ. މީޑިއާގެ ސަމާލުކަންވެސް މިވަގުތު ހުއްޓިފައި އޮތީ މިކަމަށެވެ.
ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް އިމަށް ބަލާއިރު އޭޝިއާގެ ބައެއް ގައުމުތަކުގައި ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވާ ގޮތަކީ ތަރައްގީ ވެފައިވާ ވިލާތުގެ ގައުމުތަކުންވެސް މޮޑަލްއަކަށް ބަލާ އުސޫލުތަކަކަށް ވިތަން ފެނުނުނެވެ. ސިންގަޕޫރު، ދެކުނު ކޮރެއާ އަދި ހޮންގްކޮންގް ފަދަ ގައުމުތަކުން މިސާލު ދައްކާ، ބައިނަލްއަގުވާމީ ފަލަ ސުރުހީތަކުން ޖާގަ ހޯދިއެވެ. ނަމަވެސް މިފަދަ މަޝްވަރާތަކުގައި އެ ތަނެއްގެ ވާހަކަ އެއްވެސް ވަރަކަށް ނުދެއްކެއޭ ބުންޏަސް ދޮގަކަށް ނުވާ ސަރަހައްދެއް އެބައޮތެވެ. އެއީ ޓައިވާންއެވެ.
ޖިއޮގްރަފީ ގޮތުން ޓައިވާން އޮންނަނީ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާއާ އެންމެ 130 ކިލޯމީޓަރު ދުރުގައެވެ. ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ އިމުގައި، ޓައިވާންއަކީ ވަކި ގައުމެއް ކަމަށް ބަލައިގަންނަ ފަރާތްތައްވެސް މަދެވެ. ޚުދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވެސް ޓައިވާންއަކީ ވަކި ގައުމެއްގެ ގޮތުގައި ބަލައެއް ނުގަނައެވެ.
ކަންމިހެން އޮތް ނަމަވެސް 24 މިލިއަން މީހުންގެ އާބާދީއެއް އޮތް ޓައިވާންގެ ސިއްހީ ހިދުމަތުގެ ނިޒާމަކީ ދުނިޔޭގެ ފެންވަރުގެ ނިޒާމެކެވެ. އެންމެނަށްވެސް ސިއްހީ ހިދުމަތްތައް އޮތީ ހަމަޖެހިފައެވެ. 2003 ވަނަ އަހަރު މުޅި ދުނިޔެ ސިއްސުވާލި ސާސް ރޯގާއިން ލިބުނު ހިތި ތަޖުރިބާގެ ފިލާވަޅުތަކަށް ޓައިވާންއިން ކިތަންމެހާވެސް ރަނގަޅަކަށް ސަމާލުވެ އޮތް ކަމުގެ އެއް ހެއްކަކީ، ޗައިނާގެ ވޫހާން ސިޓީގައި އާދަޔާ ހިލާފު ރޯގާއެއް ފެތުރެމުންދާ ކަމުގެ ޚަބަރު އާންމުވުމާއެކު، އެކަމަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި ޓައިވާން ހިމެނިގެން ދިއުމެވެ.
ޓައިވާންގެ ސިއްހަތާ ބެހޭ އޮފިޝަލުންނާ ތަޖުރިބާކާރުންގެ ދުރުވިސްނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފެށިއިރު، އެހެން ގައުމުތަކުން އަދި އޮތީ މަޝްވަރާގެ މަރުހަލާގައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓައިވާންއިން އެންމެ ފުރަތަމަވެސް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާއިން އަންނަ ފްލައިޓްތައް ހުއްޓުވާލި ހުއްޓުވާލުން ފާހަގަކުރަންޖެހެއެވެ. ދުވަސްވަރަކީ ޗައިނާގެ އާ އަހަރުގެ މުނާސަބާގެ ދުވަސްވަރުކަމުން ޗައިނާއިން ބޭރަށް ކުރާ ދަތުރުތައްވެސް އޮތީ އިންތިހާއަށް އިތުރުވެފައެވެ. ޓައިވާންއިން ބަނދަރުތައް ލޮކްކޮށް، ކުރޫޒްތަކަށް ޑޮކް ނުކުރެވޭ ގޮތް ހެދިއެވެ. އަދި ކަރަންޓީނުގެ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ދޭން ފެށިއެވެ.
މިހާ ހިސާބުން ނިންމާލީއެއް ނޫނެވެ. ހަށި ރައްކަލަށް ބޭނުންކުރާ އާލާތްތައް އެތެރޭގެ ބާޒާރުތަކުގައި އުފައްދާ މިންވަރު އިތުރު ކުރީ އިންތިހާއަށެވެ. ޓައިވާންއަށް އެކަށީގެންވާ މިންވަރަށް ސްޓޮކް ކަށަވަރު ކުރުމަށްފަހު، އެމެރިކާ، އިޓަލީވިލާތް، ސްޕެއިންގެ އިތުރުން ވިލާތުގެ އިތުރު ގައުމުތަކާ ކުދި ގައުމުތަކަށް މިތަކެތި ހަދިޔާ ކުރުމުގެ މަސައްކަތްވެސް ޓައިވާންއިން ގެންދިޔައީ ކުރިއަށެވެ. މުޅި ޓައިވާންގައި ފުޅާ ދާއިރާއެއްގައި ބައްޔަށް ޓެސްޓު ކުރަން ފެށިއެވެ. މީގެ ކުރިން ނިއުމޯނިއާ ޖެހިފައިވާ މީހުން އަލުން ޓެސްޓު ކުރިއެވެ. އަދި ވައިރަހާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ދޭނެކަން އިއުލާންކުރިއެވެ.
ޓައިވާންއަކީ ޑަބްލިއު.އެޗް.އޯގެ މެމްބަރެއްވެސް ނޫނެވެ. ޗައިނާއިން ޓައިވާންގެ މައްޗަށް އަތްގަދަ ކޮށްފައި އޮންނަ އޮތުމެއްގެ ސަބަބުން ބައިނަލްއަގުވާމީ ޑޮޕްލޮމަސީގައި ޓައިވާން އޮންނަނީ އެކަހެރިވެފައެވެ. ޗައިނާއިން ވަކާލާތު ކުރާ ގޮތުގައި އެއީ ޗައިނާގެ ބައެކެވެ. އަދި ޗައިނާގެ ދަށަށް ދިއުމަށް ޓައިވާންއިން އިންކާރު ކުރާހާ ދުވަހަކު ޓައިވާންއަކަށް ބައިނަލްއަގުވާމީ އިދާރާތަކާ ޖަމިއްޔާތަކުގައިވެސް ބައިވެރިއެއް ނުވެވެއެވެ. އެހެންކަމުން، ކޮވިޑް-19އާ ޓައިވާން ކުރިމަތިލީ ގިނިކަންޏާއެވެ. އެހެން އެއްވެސް ބަޔަކަށް ބަރޯސާވުމެއް ނެތިއެވެ.
ޓައިވާންއިން ދިޔައީ ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާ، ސިޔާސަތުތައް ކަނޑައަޅާ ތަންފީޒު ކުރަމުންނެވެ. އާންމުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެމުންނެނެވެ. ނަތީޖާއަކަށްވީ މިއަދު ކޮވިޑް-19 އެންމެ ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޓައިވާން ހިމެނިގެން ދިއުމެވެ. ޓައިވާންއިން ލޯކަލް ކޭހެއް ރިޕޯޓްނުކުރުތާ ދުވަސްތަކެއް ވެއްޖެއެވެ. ޓައިވާންއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ 432 މީހެކެވެ. މީގެ ތެރެއިން އެކްޓިވް ކޭހުގެ ގޮތުގައި މިހާރު ފަރުވާ ދެމުންދަނީ 94 މީހަކަށެވެ. މި ބަލީގައި މުޅި ޓައިވާންއިންވެސް ރިޕޯޓްކޮށްފައިވަނީ މަރުގެ 6 ކޭހެކެވެ.
މިމަންޒަރުތަކަށް ބަލާލުމުން ޓައިވާނުން ދޭ މުހިންމު މެސެޖެއް އެބައޮތެވެ. ޓައިވާންއިން ވަކާލާތު ކުރަމުންދާ ފަދައިން އެއީ ވަރުގަދަ ޑިމޮކްރަސީއެއްކަން ކިތަންމެހާވެސް ރަނގަޅަކަށް ސާބިތުކޮށްދީފިއެވެ. އަދި ވައިރަހާ ކުރިމަތިލުމަށް ސައެންސްއާ ޓެކްނޮލޮޖީގެ އިތުރުން ޑިމޮކްރަސީގެ ބާރުގެ މުހިންމުކަން އަންގައިދީފިއެވެ. ކޮވިޑް-19އަކީ ކޮންމެހެން ހަރުކަށިވެގެން ކޮންޓްރޯލްވާނެ ވައިރަހެއް ނޫންކަން ޓައިވާންއިން ސާބިތުކޮށްދިނީ، ލޮކްޑައުންގެ އަމުރެއްވެސް އިއުލާން ނުކޮށެވެ.
މާލޭގއި ތިބި މީހުންނަށް ރަށަށް ދެވޭނީ ކޮން ދުވަހަކުންބާ؟ ނޫސްވެރިންވެސް ރައްޔިތުންނަށް ބޭނުންވާނެ ސުވާލު ކުރަން އިސްކަންދޭންވީނުންދޯ، ސަރުކާރުން ކުރާކަންތައް ފޮރުވުމުގެ ބަދަލުގައި.......