ލޮކްޑައުން ކޮށްފައިވީ ނަމަވެސް ކުޑަކުދިންނަށް ވެކްސިން ދިނުން ލަސްނުކުރުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދް ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވީ، ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި އުމުރުން 6 މަހުގެ ދަރިފުޅަށް ވެކްސިން ދިނުން ލަސް ކުރިއަސް އެންމެ ރަނގަޅުތޯ އަހާ ބެލެނިވެރިއަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޑރ. ފައިސަލް ވިދާޅުވީ، ވެކްސިން ދިނުން ލަސް ނުކުރުމަށާއި، ވެކްސިން ޖެހެން އޮތްނަމަ އެއީ ފައިދާ ބޮޑުގޮތް ކަމަށެވެ. އަދި ތަފާތު ހިސާބުތަކުން ދައްކާގޮތުން ކުޑަކުދިންނަށް ޕޯލިއޯ، ކަރުފޮޅު، ހޯއްގޮވާ ކެއްސުން، އިދިފުށަށްދަމާބަލި، ހެޕަޓައިޓިސްބީ، އަދި ހިބް ގެ ނުރައްކާ ކޮވިޑަށްވުރެ ލައްކަތަނުން ބޮޑުކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ވެކްސިން ޖެހުމަށް ދަރިފުޅު ގޮވައިން ގެއިން ބޭރަށް ނިކުންނަން ޖެހޭތީ، ކަންބޮޑުވެފައިވާ ފަރާތްތަކަސް ޑރ. ފައިސަލް ވަނީ އމަަލު ކުރަންވީ ގޮތް ވެސް ސާފުކޮށްދެއްވާފައެވެ. ޑރ. ފައިސަލް ވިދާޅުވީ، ވެކްސިންޖަހަން ދާއިރު ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުން މުހިންމު ކަމަށެވެ. އެގޮތުން، ބެލެނިވެރިޔާ މާސްކު އެޅުން، ބެލެނިވެރިޔާއާއި ދަރިފުޅުގެ އަތް ސާފުކޮށް ބެހެއްޓުން، ސެނިޓައިޒާ ބޭނުންކުރުން، 6 ފޫޓު ދުރުދުރުގައި ކިއޫ ހެދުން އަދި ޓެކްސީއަކަށް އެރުމުގެ ބަދަލުގައި ސައިކަލް، ނުވަތަ ހިނގާފައި ދިއުމަށް ޑރ. ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ގައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭން ޖެހޭ ވެކްސިންތައް ދިނުމަށް މިއަދުން ފެށިގެން ދަމަނަވެށި ހުޅުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހުކުރު ހޮނިހިރު ފިޔަވަލއި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 1:00 އަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ދަމަނަވެށިން ވަނީ ބުނެފައެވެ.

ދަމަނަވެށިން ވަނީ، 3322403 އަށް ގުޅާ އެޕޮއިންޓްމަންޓް ހައްދާއިރު، ކުއްޖާގެ ނަން، އުފަންތާރީހު، އެންމެފަހުން ވެކްސިން ޖެހި ތާރީހާއި ވެކްސިންގެ ނަން އަދި މިހާރު ދިރިއުޅޭ އެޑްރެސްގެ އިތުރުން މިހާރު ދިރިއުޅޭ ގެއަކީ މޮނިޓަރިންގެ ހާލަތުގައި ހުރި ގެއެއްތޯ ސާފުކޮށްދިނުމަށް އެދިފައެވެ.