ބިދޭސީންނަށް ހާއްސަ ރިލީފް ފަންޑެއް މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ހުޅުވައިފިއެވެ.

އެމްއާރްސީން މިކަން އިއުލާން ކޮށްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އެ ޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޖަމްއިއްޔާގެ ރައީސް އަލީ ނަޝީދެވެ. އޭނާ ވިދާޅުވީ، މި ފަންޑަކީ ކޮވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލި ފަންޑެއް ކަމަށެވެ.

"ކޮވިޑް-19 މައިގްރެންޓް ރިލީފް ފަންޑް"ގެ ނަމުގައި ހުޅުވި ފަންޑަށް މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ފަންޑް ހުޅުވުމުގެ މަގްސަދަކީ ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިވުމުގެ ގޮތުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީވުން ކަމުގައެވެ.

މި ފަންޑު މެދުވެރިކޮށް ބިދޭސީންނަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން، އެ ޖަމްއިއްޔާގެ ވެބްސައިޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވެނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން، ރެޑް ކްރެސެންޓްގެ ވެބްސައިޓުން އެ ޖަމްއިއްޔާގެ ބޭންކް އެކައުންޓްތަކާ ބެހޭ ތަފްސީލު ލިބޭނެ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.

އެ ޖަމްއިއްޔާއިން ބުނީ، ރެޑް ކްރެސެންޓުން ޖަވާބުދާރީ ވާނީ ހަމައެކަނި އެ ޖަމްއިއްޔާގެ ބޭންކް އެކައުންޓްތަކަށް ފޮނުވާ ފައިސާއަށް ކަމަށެވެ. އެހެންކަމުން މި ފަންޑް މެދުވެރިކޮށް ބިދޭސީންނަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ސީދާ، ރެޑް ކްރެސެންޓަށް ފައިސާ ފޮނުވުމަށް އެ ޖަމްއިއްޔާއިން ވަނީ އެދިފައެވެ. އަދި ތަކެތި ހަދިޔާކޮށްގެން އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮތް ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

މީގެ އިތުރުން ވެސް ބިދޭސީންނަށް އެހީވުމަށް ކާނާ ފޯރުކޮށްދިނުމާއި ހައިޖީނިކް ކިޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ރެޑް ކްރެސެންޓުން ދަނީ ކުރަމުންނެވެ. އެ ޖަމްއިއްޔާއިން ބުނީ، ބިދޭސީން އެކޮމޮޑޭޓް ކުރުމަށް އަލަށް ގާއިމްކޮށްފައިވާ ފެސިލިޓީތަކަށް ޒިޔާރަތްކޮށް، އެ ފެސިލިޓީތަކުގެ ހާލަތުވެސް ބަލާފައިވާ ކަމަށެވެ. އެގޮތުން ގުޅީފަޅާއި، ވިލިވަރަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު މޮނިޓާ ކޮށްފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.