ހދ ކުމުންދޫން އެއަތޮޅު ނޭކުރެންދުއަށް ޑިންގީއެއްގައި ދިޔަ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު 2:28 ހާއިރު ހދ. ކުމުންދޫ އިން ހުއްދަނެތި ޑިންގީއެއްގައި ހދ. ނޭކުރެންދުއަށް ކައިރިކޮށް ސިއްރުން އެރަށަށް 3 މީހުން އެރި މައްސަލައިގައި އެ 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެމީހުން ފެނިފައިވަނީ ހދ. ނޭކުރެންދޫ ގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ރަށުގެ ފުއްޓަރު ފަރާތު ފަޅުތެރެއަށް ޑިންގީ ކައިރިކޮށް ރަށަށް ފައިބަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ 2 މީހަކާއި 32 އަހަރުގެ މީހެކެވެ. މި 3 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާތީ މިހާރު މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އެހެންކަމުން މި ވަގުތު އެއްރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެޗްޕީއޭއިން އަނޣާފައިވާ އެނގުމާ ހިލާފަށް ބައެއް ރަށްރަށަށް ޟިހުން ދާކަން ވަނީ ފާހަކަަ ވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ޑިންގީއެއްގައި އއ.ހިމަންދޫން ފުރަންއުޅުނު ތިން މީހަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.