އެމްޓީސީސީން ގުޅީފަޅުގައި ގާއިމްކުރި ފެސިލިޓީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ ހަވާލު ކޮށްފިއެވެ.

އެމްޓީސީސީން ބުނީ، އެންޑީއެމްއޭއާ ހަވާލުކޮށްފައި ވާ އެކޮމޮޑޭޝަން އަދި ސްޓޯރޭޖް ފެސިލިޓީއަކީ، 100،000 އަކަފޫޓުގެ ބިމެއްގައި ގާއިމްކުރި ފެސިލިޓީއެއް ކަމަށެވެ.

މި ފެސިލިޓީއަކީ ކޮވިޑް-19ގެ ސަބަބުން އައިސޮލޭޓް ކުރަން ޖެހޭ ފަރާތްތައް އައިސޮލޭޓް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ގާއިމްކޮށްފައިވާ ތަނެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ، މި ފެސިލިޓީގެ އިތުރުން ވެސް ކޮވިޑް-19 އައުޓްބްރޭކުގެ ސަބަބުން އައިސޮލޭޓް ކުރަން ޖެހޭ ފަރާތްތައް އައިސޮލޭޓް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފާއި ގުޅިގެން 600 އަށްވުރެ ގިނަ މީހުންގެ އައިސޮލޭޓް ކުރެވޭވަރުގެ ތަނެއް ގާއިމްކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނީ، މިއީ 9 ދުވަހުގެ މުއްދަތެއްގައި ނިންމާފައިވާ ތަނެއް ކަމަށެވެ.

އެމްޓީސީސީން މިހެން ބުނެފައިވާއިރު، ރާއްޖޭގައި އުޅޭ ވަލްނަރަބަލް ހުރިހާ ބިދޭސީން ކަރަންޓީނު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ ނިންމާފައެވެ. އަދި މި މީހުން ކަރަންޓީނު ކުރުމަށް ނިންމާފައިވަނީ ގުޅީފަޅުގައި ކަމަށް އެންއީއޯސީން ހާމަކޮށްފައިވާއިރު، މިހާތަނަށް 113 ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ.