ސަރުކާރުގެ އަމާޒަކީ ދިވެހި ނޫސްވެރިކަން ތަރައްގީކޮށް ކުރިއެރުވުން ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އަބްދުﷲ އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ނޫސްވެރިންނަށާއި ނޫސް އިދާރާތަކުގެ ވެރިންނާއި އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ ދެންނެވުމުގެ ގޮތުން ނެރުއްވި ހިތާބުގައެވެ. އޭނޤ ވިދާޅުވީ، ނޫސްވެރިންނަކީ ދިވެހި ޑިމޮކްރެސީގެ މުހިންމު އެއް ބައިވެރިން ކަމަށްވާހިނދު ސަރުކާރުގެ އަމާޒަކީ ދިވެހި ނޫސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކަރުން އަޅާކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑު ގާތުން އަހައިގެން ނޫސްވެރިންގެ ވިސްނުމާ ފިކުރާއެއްގޮތަށް އަޅާފިޔަވަޅަކަށް ހެދުން ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައިވެރިވުމާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމްކޮށްގެން އެޑިޓަރުންގެ ސައްލާގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާ ނޫސްވެރިންގެ ކަންބޮޑުވުންތައް އަހާފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު އެ ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވާއިރު، މިއަދު އެ ކޮންފަރެންސްގެ ރިޕޯޓް ވާނީ ޝާއިއުކޮށްފައި ކަމަށެވެ.
ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ސިޔާސަތުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައްޔާއި އަދި ނޫސްވެރިކަމާ ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތައް ހިންގާ އިދާރާތަކުގެ ޕްރޮގްރާމްތައް ފަރުމާކުރުމުގައި އަދި އެނޫންވެސް ނޫސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ހަވާލާދެވޭނެ އަދާހަމަ މަސްދަރެއްގެ ގޮތުގައި މި ރިޕޯޓުގައި ނޫސްވެރިން ފާހަގަކޮށްފައިހުރި ކަންކަމަށް ރިއާޔަތްކުރުމަށް މިނިސްޓަރު އިމްރާން ވަނީ ގޮވާލައްވާފައެވެ.
މިނިސްޓަރުގެ ހިތާބުގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުވެފައި އޮތުން ކަމަށެވެ. އަދި މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް ދެނެހެއްޓުމަށް ކުރަން ޖެހޭ އެއްމެ މުހިންމު ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މީގެ ދެތިން އަހަރާއި އަޅާބަލާއިރު، ގާނޫނީ ގޮތުންނާއި ނިޒާމީގޮތުން އަދި އެނޫންވެސް ތަފާތު ބިރުވެރިކަން އުފައްދާގެން މިނިވަން ނޫސްވެރިކަމަށް ކުރިމަތިކޮށްފައިހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އަދި އެ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި މިއަހަރު ރާއްޖެ ހޯދާފައިވާ 19 ދަރަޖައިގެ ކުރިއެރުމާއެކު ޖުމްލަ 41 ދަރަޖައިގެ ކުރިއެރުން މިނިސްޓަރު އިމްރާން ވަނީ ފާހަގަ ކުރައްވާފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގައި ހޯދިފައިވާ ކުރިއެރުންތަކާއެކުވެސް އަދި އިތުރަށް ހާސިލުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް މިނިސްޓަރުގެ ހިތާބުގައިވެއެވެ. އެގޮތުން، ނޫސްވެރިކަމުގެ ތަފާތު ފަންނުތައް ކުރިއެރުވުމާއި އެފަންނުތަކުން މީހުން ބިނާކުރުމަކީ ކުރަންޖެހޭ މުހިންމު ބައެއް ކަންކަން ކަމަށް އިމްރާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސައްހަނޫން ހަބަރުގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ނޫސްވެރިކަމުގެ ހަމަތަކާއި މިންތައް ހިފަހައްޓަންޖެހޭ ކަމަށެވެ.
މީގެ އިތުރުން މުޅި ދުނިޔެއަށް މެދުވެރިވެފައިވާ ކޮވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކުރަމުންދާހިނދު އެކަންކަމުގެ އެންމެ ތާޒާ މައުލޫމާތު، ގެތަކުގައި ބަންދުވެފައިތިބި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ރެއާއި ދުވާލު ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ގައުމީ ފެންވަރުގައި މިކުރެވޭ މަސައްކަތުގެ އެއްބައި ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އޭނާ ވަމީ ނޫސްވެރިންގެ މި ގައުމީ މަސައްކަތުގެ އަގުވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ "ޖެހިލުންވުމެއްނެތި، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" ކުރާބައަކަށް ދިވެހި ނޫސްވެރިންވުމަށް މިނިސްޓަރު އިމްރާން ވަނީ އެދިލައްވާފައެވެ. އަދި އެކަމަށް ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތާލާ އެކަމަށް މަގުފަހިކޮށްދޭން އަދުގެ ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ އަރުވާފައެވެ.