ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޝިކާރައަކަށްވެ، ފާއިތުވެދިޔަ 2 މަހެއްހާ ދުވަހުގެ ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ނޫސްވެރިން މަރުވެފައިވާކަމަށް، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާއަކުން ބުނެފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ފުޅާދާއިރާއެއްގައި ވަކާލާތު ކުރަމުންދާ ޖަމިއްޔާއެއް ކަމަށްވާ ޕްރެސް އެމްބްލަމް ކެމްޕޭން (ޕެކް) އިން އާދީއްތަ ދުވަހު ހާމަކުރި މި ވާހަކަތަކާއެކު، ކޮވިޑް-19ގެ ފްރަންޓްލައިންގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިންނަށް ހަށިރައްކަލަށް ބޭނުންވާ އާލާތްތައް ލިބުމުގައި ދަތިކަން ހުރި މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ.

ޕެކްއިން ބުނީ މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ސިއްހީ ކާރިސާގެ ޚަބަރުތައް ގެނެސްދިނުމަށް ނޫސްވެރިން ހަރަކާތްތެރިވަމުންދަނީ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް އެއްލާލައިގެން ތިބެ ކަމަށެވެ. ނަތީޖާއަކަށްވަނީ، ކޮވިޑް-19ގެ ޕޭޝަންޓުންނަށް އެމީހުން ބަދަލުވެގެން ދިއުން ކަމަށްވެސް ޕެކްއިން ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންނަކީ ކޮވިޑް-19ގެ ޚަބަރުތައް ގެނެސްދިނުމަށްޓަކައި ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް، ޑޮކްޓަރުންނާ ނަރުހުންނާވެސް އެންމެ ގާތުން ވާހަކަ ދައްކާ ބައެއްކަން ޕެކް އިން ފާހަގަކުރެއެވެ.

މާޗް 1 ވަނަ ދުވަހުން ފަށައިގެން ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 23 ގައުމަކުން 55 ނޫސްވެރިއެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޕެކްއިން ބުނެއެވެ. ކަންމިހެން އޮތް ނަމަވެސް، މިއީ ފީލްޑް މަސައްކަތުގެ ތެރެއިން ވައިރަހުގެ ޝިކާރައަކަށްވި ނޫސްވެރިންކަން ކަނޑައެޅިގެން ބުނަން ދަތިކަމަށްވެސް ޕެކްއިން ވަނީ ބުނެފައެވެ.