ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރެމުންދާ ހަލުވިމިނުގައި ދައުރުވަމުންދާ ދޮގު ޚަބަރުގެ ބަލިމަޑުކަމެއް ފަރުވާއެއް ފޯރުކޮށްދޭ ނޫސްވެރިން ކަމަށް ސިފަކުރައްވާ، ނޫސްވެރިންނަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.

ގުޓެރޭޒް މިކަމަށް ގޮވާލައްވާފައިވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ނުސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައެވެ. ދުވެހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒްވަނީ ބިނާކުރަނިވި ނިންމުންތަކެއް ނިންމުމުގައި އާންމު ފަރުދުންނަށް މީޑިއާގެ ޒަރިއްޔާއިން ލިބެމުންދާ އެހީތެރިކަންވެސް ފާހަގަކުރައްވާފައެވެ.

ތެދު މައުލޫމާތު: ދިރިހުރުމާ މަރާ ގުޅިފައިވާ ކަމެއް

އަދުގެ ހާލަތަށް ރިއާޔަތްކުރައްވަމުން ގުޓެރޭޒް ވިދާޅުވީ، މި ނިންމުންތަކަކީ މިއަދު ދިރިހުރުމާ މަރާ ގުޅިފައިވާ ނިންމުންތަކެއް ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިގެންދާ ވަރަކަށް ދޮގު މައުލޫމާތުގެ ބަލިމަޑުކަންވެސް ބޮޑުވަމުންދާކަމަށާ، މިފަދަ ބައެއް މައުލޫމާތަކީ ސިއްހީ ގޮތުން ބަލާއިރުވެސް ނުރައްކާތެރި މައުލޫމާތުތަކެއްކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

ހަށިރައްކަލަށް މޫނު ނިވާކޮށްގެން ތިބި ނޫސްވެރިން ތުރުކީވިލާތުގައި ހަރަކާތްތެރިވަނީ/ފޮޓޯ: ޖާނަލިސްޓްސްރިސޯސް

މިފަދަ ދަނޑިވަޅެއްގައި ނޫސްވެރިންނަކީ ތެދު މައުލޫމާތުގެ ބާރުގެ ބޭނުންކޮށްގެން ދޮގު މައުލުމާތު ބަލިމަޑުކަމަށް ފަރުވާ ކުރަމުންދާ މޭސްތިރިންކަން ފާހަގަކުރައްވަމުން ގުޓެރޭޒް ވިދާޅުވީ، ނޫސްވެރިން ފޯރުކޮށްދޭންޖެހޭ ފަރުވާއަކީ ސައްހަކަން ކަށަވަރުކޮށް، ސައެންސްގެ އަލީގައި ސާބިތުވެފައިވާ، ހަގީގަތް އެކުލެވޭ މުރާޖައާތަކެއް ކަމުގައި ސިފަކުރައްވާފައެވެ.

ކޮވިޑް-19ގެ ސިއްހީ ބަލިމަޑުކަމާއެކު ދޮގު މައުލޫމާތު ބަލިމަޑުކަމާވެސް އދގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ކުރިމަތިލަމުން އަންނަކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

މީޑިއާއާއި ދެކޮޅަށް ދެވޭ ހަމަލާ

ބައިނަލްއަގުވާމީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރަމުންދާ މިދަނޑިވަޅަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ނޫސްވެރިންނަށް ބޮޑެތި އަނިޔާތަކެއްވެސް ދެވެމުންދާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ.

މިކަންކަމަށް އިޝާރާތް ކުރައްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ނޫސްވެރިން ހިމާޔަތް ކުރުމަށާ، މީޑިއާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށްވެސް މިކަން ކަށަވަރުކޮށްދީ، މީޑިއާގެ މިނިވަންކަން ނަގަހައްޓައިދިނުމަށް ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ.

ކޮޅުކޮޅަށް މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިވަގުތު މަޑުޖައްސާލާފައި އޮތް ކަމެއް ކަމުގައި ވީ ނަމަވެސް، މިއީ ނޫސްވެރިންނާ ދެކޮޅަށް ނާޖައިޒު ގޮތުގައި މި ފުރުސަތުގެ ބޭނުން ހިފަންވީ ވަގުތު ނޫންކަންވެސް ގުޓެރޭޒްވަނީ ސަރުކާރުތަކަށް ހަނދާންކޮށްދެއްވާފައެވެ.

ކޮވިޑް-19ގެ ޚަބަރުތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ޓީމެއް/ފޮޓޯ: ބައޯރިޕޯޓްސް

ކަންމިހެން އޮތްއިރު ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ނޫސްވެރިންނަށް ދެމުންދާ ހަމަލާތައް އިތުރުވެ، މައުލޫމާތު ސިއްރުކުރުމުގެ ނިޔަތުގައި ހިންގާ ޖަރީމާތަކުގެ އަދަދު، ކަންބޮޑުވާންޖެހޭ ދަރަޖައަށް އިތުރުވެފައިވާކަމަށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ މިނިވަން ތަޖުރިބާކާރެއް ވަނީ އިންޒާރު ކުރައްވާފައެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރައްވާ އދގެ ސްޕެޝަލް ރެޕަޗުއާ ޑޭވިޑް ކާޔޭ ވަނީ، މިކަން ބަޔާންކުރައްވާ، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހާއްސަ ރިޕޯޓެއްވެސް ހުށަހަޅުއްވާފައެވެ.

ހައްޔަރުކޮށްފައިވާ ނޫސްވެރިން މިނިވަން ކުރުން

ސިއްހީ ކާރިސާއެއް ކުރިމަތިވެގެން އުޅޭ ހިނދު ނޫސްވެރިން އަދާކުރާ ޒިންމާދާރު ދައުރުގެ މައްޗަށް ސްޕެޝަލް ރެޕަޗުއާ ކާޔޭގެ ރިޕޯޓްގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހަގީގަތްތައް ހާމަކޮށްދިނުމަށް ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ބައެއް ވާހަކަތަކުގެ ތެރޭގައި ސަރުކާރުތަކުން ހަގީގަތް ފޮރުވުމަށް ހިންގާ އަމަލުތަކުގެ ވާހަކަވެސް އދގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ޚަބަރުތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ޓީމެއް/ފޮޓޯ: ރޮއިޓާޒް އިންސްޓިޓިއުޓް

ކަންމިހެން އޮތްއިރު މިފަދަ ކަންކަމާ ގުޅިގެން ނޫސްވެރިން ހައްޔަރު ކުރުމަކީ މީޑިއާއަށް ހައްގު ވެއްޓާ ދިމާ އިދިކޮޅަށް ކުރާ ދަތުރެއް ކަން ކާޔޭ ވަނީ ފާހަގަކުރައްވާފައެވެ. ކޮމިޓީ ޓު ރިޕޯޓް ޖާނަލިސްޓްސްގެ ރެކޯޑްތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 250 އެއްހާ ނޫސްވެރިން މިހާރުވެސް ތިބީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ.

އދގެ މުސާރައިގެ ނިޒާމުންވެސް މިނިވަންވެ ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކާޔޭ ވަނީ، ނޫސްވެރިކަމަކީ ޖިނާއީ ކުށެއް ކަމުގައި ހަދަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ހައްޔަރުކޮށްފައިވާ ނޫސްވެރިން މިނިވަން ކުރުމަކީ މިކަމުގެ ފެށުން ކަމުގައިވެސް ހެދިދާނެކަމަށް ކާޔޭ ވަނީ ފާހަގަކުރައްވާފައެވެ.

މީޑިއާއިން ފޯރުކޮށްދެނީ ހެކި- ވެރިން ޖަވާބުދާރީ ކުރުވާ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވަނީ ހަގީގަތް ހާމަކޮށްދީގެން އިސްވެރިން ޖަވާބުދާރީ ކުރުވުމުގައި ނޫސްވެރިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވާ، ނޫސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވަކިން ހާއްސަކޮށް ފުރާނަ ސަލާމަތްކުރުމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ، އާންމު ސިއްހަތު ދައިރާގެ ނޫސްވެރިންގެ މަސައްކަތްތައްވެސް ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

20/04 ކޮވިޑް-19 ނޫސްވެރިންގެ ބައްދަލުވުން / ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގުވާމީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަހެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވަނީ "ޖާނަލިޒަމް ވިތައުޓް ފިއާ އޯ ފޭވާ" ނުވަތަ "ނޫސްވެރިކަން، ބިރުވެރިކަމާ ވަކި ފަރާތަކަށް ނުޖެހި" މި ޝިއާރެވެ.