އަމާޒު ބޯޓާ ގުޅުން ހުރި އިތުރު ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓާ ގުޅުވައިގެން ޕޮޒިޓިވް ވި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ކުރިން ފެނުނު 9 ކޭސްގެ އިތުރުން އިއްޔެ ރޭ އިތުރު ދެ މީހަކު އަދި މިއަދު އިތުރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު އަމާޒު ބޯޓާ ގުޅިގެން 12 މީހަކު މި ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މި މީހުންގެ ތެރެއިން 10 މީހުންނަކީ ށ. ނަރުދޫއިން ޕޮޒިޓިވް ވި މީހުންނެވެ. އެމީހުންނަކީ އަމާޒު ބޯޓުން ފުރަތަމަ ޕޮޒިޓިވް ވި އެ ބޯޓްގެ ކެޕްޓަންގެ އާއިލީ މީހުންނެވެ. މީގެ އިތުރުން ށ. މިލަންދޫން މީހަކު ކުރިން ވަނީ ޕޮޒިޓިވް ވެފައެވެ.

އަމާޒު ބޯޓުގެ ކެޕްޓަން، އުމުރުން 49 އަހަރު (ކޭސް133) ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަ ކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓު ކުރުމަށް ވެސް ވަނީ އެދިފައެވެ.