ސާމްޕަލް ނެގުމަށް ދެކޮޅު ހެދުމުން ކޯޓުން އަމުރެއް ނެރުމުން ވެސް ކޮވިޑް ޓެސްޓަށް ސާމްޕަލް ނުދިން މީހަކު ހައްޔަރު ކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މީ މިފަދައިން މިހާކު ހައްޔަރަު ކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ އުމުރުން 46 އަހަރުގެ މީހެއް ކަމަށާއި އެމީހާ އޭރު ހުރީ ކ. ދިއްފުށީގައި ކަމަށެވެ. އެމީހަކީ ކޮވިޑް-19 ޖެހިފައިވާ ކަމަށް އަމިއްލައަށް ރަށުތެރޭގައި ވާހަކަ ދައްކާ ކޮވިޑްގެ އަލާމާތްތައް އެބަހުރި ކަމަށް ބުނެ އެޗްޕީއޭއަށް ވެސް އެ މައުލޫމާތު ހިއްސާ ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެމީހާގެ ސާމްޕަލް ނެގުމަށް އެ ރަށުގެ ހެލްތް ސެންޓަރުގެ ޓީމެއް ދިއުމުން އެކަމަށް އެނާ ވަނީ ދެކޮޅު ހަދާފައި ކަމަށާއި ސާމްޕަލް ދިނުމުގެ އަމުރެއް ކޯޓުން ނެރުމުން ވެސް އެކަމާ އެނާ ވަނީ ދެކޮޅު ހަދާފައި ކަމަށް ފުލުހުން ބުނެއެވެ.

ކޯޓުން އަމުރު ނެރުމުން ވެސް ސާމްޕަލް ދޭން ދެކޮޅު ހެދި މީހަކު ހައްޔަރު ކޮށްފައިވާ އިރު ކޮވިޑް-19 އާ ގުޅިގެން ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިގެން މީގެ ކުރިންވެސް ވަނީ ކޯޓު އަމުރު ނެރެގެން މީހުންގެ ސާމްޕަލް ނަގާފައެވެ. ހަމައެއާއެކު ކަރަންޓީނަށް ދާން ދެކޮޅު ހަދާ މީހުންނަށާއި ކަަރަންޓީން ފެސިލީޓިގައި ހުރެ ސާމްޕަލް ދިނުމަށް ދެކޮޅު ހެދި މީހެއްގެ މައްޗަށް ވެސް ވަނީ ކޯޓު އަމުރެއް ނެރެފައެވެ.