ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މާލޭގެ މާރުކޭޓުތައް ޑިސްއިންފެކްޓު ކުރުމަށް، މާރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން މާރުކޭޓުތައް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މާރުކޭޓުތައް ބަންދުކޮށް، މަރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރުމަށް ދިން ފުރުސަތުގައި ބައެއް ގޮޅިތަކުން އަދިވެސް އެއްޗެހި ގެންގޮސްފައި ނުވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިހާތަނަށް ތަކެތި ނުގެންގޮސް ހުރި ގޮޅިތަކުގެ ވެރިފަރާތްތަކުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެތަކެތި ގެންގޮސް ގޮޅިތައް ހުސްކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

ކައުންސިލުން ބުނީ އެ މުއްދަތުގެ ނިޔަލަށް ގޮޅިތަކުގައި ނުގެންގޮސް ހުރި ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް ސާފުކުރާނެ ކަމަށާއި އެއަށްފަހު މުޅި މާރުކޭޓް ޑިސްއިންފެކުޓްކުރުމުގެ މަސައްކަތް ކައުންސިލުން ފަށާނެ ކަމަށެވެ. މާރުކޭޓުން ތަކެތި ނެރުމަށް މާރުކޭޓުތައް ހުޅުވާނީ ހުކުރުދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 11:00 އިން މެންދުރު 2:00 އަށް ކަމަށް ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން މީގެ ކުރިންވެސް ވަނީ ކޮވިޑް-19 އިން ރައްކާތެރވުމަށް މާލޭ ސިޓީގެ މަގުތަކާއި ގިނަ ސަރަހައްދުތަކެއް ޑިސްއިންފެކްޓް ކޮށްފައެވެ.