މާލޭގައި ދިރިއުޅޭ ބިދޭސީންްގެ މެދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން ކަރަންޓީން ކުރުމަށް ހެލްތް ޕްރޯޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު އެޗްޕީއޭން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ، އަދި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަަމަށް ފެންނާތީ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތުން މާލޭ ސަރަހައްދުގައި ވަޒީފާއަދާކުރާ ވަކި ތަނެއް ނެތި ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައި ނުވާ ބިދޭސީ މަސައްކަތްތެރިން އެކަހެރިކޮށް އެމީހުން މޮނީޓާކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅާއިފިނަމަ އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ، އެފަދަ މީހުން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަާ (އެންއީއޯސީ) އިން ކަނޑައަޅާ ވަކި ތަނެއްގައި ކަރަންޓީނު ކުރުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން ފުލުހުން މޮނީޓާކުރަމުން އަންނަ އެޑްރެސްތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްތެރިންނަކީ ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައިވާ ގިނަ އަދަދެއްގެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކަށްވާތީ، އެމީހުންވެސް އެންއީއޯސީން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރުމަށް ވަނީ ނިންމައިފައެވެ.

ހަމައެއާއެކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތަކާ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ދިމާވެފައިވާ އެންމެހާ ބިދޭސީންގެ ތެރެއިން ކޮވިޑް19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ބަލީގެ ނުރައްކަލެއް އޮތްކަމަށް ގަބޫލުކުރެވޭ އެންމެހާ ބިދޭސީ މަސައްކަތްތެރީންވެސް ކްރަންޓީން ކުރުމަށް ވަނީ ނިންމައިފައެވެ.

އަދި މި ތިން ކެޓަގަރީގެ އިތުރުންް ވެސް، ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ބަލީގެ ނުރައްކަލެއް އޮތް ކަމަށް ގަބޫލުކުރެވޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވެސް ކަރަންޓީނު ކުރަން ވަނީ ނިންމައިފައެވެ.

މިހާތަނަށް ރާއްޖެއިން 491 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިިރު އޭގެ ތެރޭގައި 334 މީހުންނަކީ ބިދޭސީ މަސައްކަތްތެރީންނެވެ. ބިދޭސީ މަސައްކަތްތެރީންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، އެމީހުން ރަނގަޅު ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.