ށ. ނަރުދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 10 އަށް އަރައިފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން އެރަށުގެ ކޮވިޑް ޓާސްކްފޯސްގެ މެންބަރަކު ވިދާޅުވީ އިތުރު ދެމީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ ރޭ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވެފައި ވަނީ "އަމާޒް" ބޯޓުގެ ކްރޫއެއްގެ އަންހެނުންނާއި އޭނާގެ ދަރިފުޅެވެ.

ނަރުދޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން 8 މީހަކު މިހާރު ވަނީ ދޮނަކުޅި ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

އެރަށުން ފެންނަނީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް (ގައިން ގަޔަށް ބަލި އެރުން) ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައެވެ. މި ކޭސްގައި، އަމާޒު ބޯޓުގެ ކައްޕިއާއެކު ޖުމްލަ 10 މީހަކު މިހާރުވެސް ޕޮޒިޓިވް ވެފައިވެއެވެ. ނަރުދޫގެ އިތުރުން މިލަންދޫއިން އަމާޒު ބޯޓާ ގުޅުން ހުރި މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

އަމާޒު ބޯޓުގެ ކެޕްޓަނާ ކޮންޓެކްޓްވި 10 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އަމާޒު ބޯޓުުގެ ކެޕްޓަންގެ ކޭސްއާ ގުޅިގެން ޕްރައިމަރީ ކޮންޓެކްސް ނުވަތަ އޭނައާ ސީދާ ދިމާވި، 118 މީހަކު މިހާތަނަށް ވަނީ ހޯދާފައެވެ. އޭގެތެރެއިން ހައިރިސްކް 13 މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނިފައިވެއެވެ.

އަމާޒު ބޯޓުގެ ކެޕްޓަން، އުމުރުން 49 އަހަރު (ކޭސް133) ކޮރޯނާވައިރަހަށް ޕޮޒިޓިވް ވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. އެގޮތުން މިދިޔަމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓު ކުރުމަށްވެސް ވަނީ އެދިފައެވެ.