ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު، ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފިއެވެ.
މި ތަކެތި ގެންނަން ހަމަޖެހިފައިވަނީ އެ ރިސޯޓުގެ ހިއްސާދާރުން ކަމުގައިވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީ ވަޑައިގަންނަވާ ޕްރައިވެޓް ދެ ޖެޓުގައެވެ.
އެ ރިސޯޓުގެ އޯނަރުންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓެވެ. މީގެ ތެރެއިން 10،000 ޓެސްޓު ކިޓު މިއަދު ރާއްޖެއަށް ގެންނާނެއެވެ.
މިއަދު ރާއްޖެ އަންން ހިއްސާދާރުންގެ ތެރެއިން ޑެނިއަލް ވަނީ މިދިޔަ މާޗު މަހު ޗެކް ރިޕަބްލިކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އޭނާ ރާއްޖެއަށް އަންނަނީ އެ ބައްޔަށް ފަރުވާ ލިބި އެއްކޮށް ރަނގަޅު ވުމުން ކަމަށް ވެލާ ރިސޯޓުން ބުނެއެވެ.
ޑެނިއަލް އަކީ ޗެކް ރިޕަބްލިކްގެ ބިލިއަނަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި ޖެރީ ސްމެކް އަކީ ވެލާ ރިސޯޓުގެ ހިއްސާދާރެއްގެ އިތުރުން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރެވެ.
މުވައްޒަފުންނަށް ރަނގަޅު ރިސޯޓެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ވެލާ އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ރިސޯޓްތައް ބަންދުކުރަން ޖެހި އެތައް ރިސޯޓެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް އަދި ނޯޕޭގައި ފޮނުވާލި އިރު، މުވައްޒަފުންނަށް މުސާރައިގެ އިތުރުން ފައިސާގެ އިތުރު އެހީ ވެސް ދޭން ނިންމައިފައެވެ.