ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ފެންނަނީ ދެރަ މީހާއަށް ދެރަ ގޮތަށް ކަންކަން މެދުވެރިވާތަން ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިފަދައިން ވިދާޅުވީ ސަރުކާރު ކުންފުންޏެއްގެ އިސްވެރިންތަކެއްގެ މުސާރައާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގެ ބައެއް ޕޯސްޓުކޮށް ކުރެއްވި ޓްވީޓެއްގައެވެ. ބެލެވޭ ގޮތުގައި އެ ސިޓީއަކީ ސްޓެލްކޯގެ އިސްވެރިންތަކެއްގެ މުސާރައާ ގުޅިގެން މަޖިލީހަށް ފޮނުވި ސިޓީއެކެވެ.

އެ ސިޓީގައި އަސާސީ މުސާރައެއްގެ ގޮތުގައި 67،000 ރުފިޔާ ހިމަނާފައިވާއިރު ފައިނޭނަޝަލް ޕާފޯމަންސް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ހިމަނާފައިވެއެވެ. މެނޭޖުމަންޓު ޕާފޯމަންސް އަކަށް 3،000 ރުފިޔާ ހިމަނާފައިވާއިރު ބޯޑު އެލަވަންސް އަކަށް 11،500 ރުފިޔާ ބޯޑު ސިޓިން އެލަވަންސް އަކަށް 500 ރުފިޔާ ވަނީ ހިމަނާފައެވެ.

އެ ސިޓީއާ އެކު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވަނީ މި ހާލަތުގައި ދައުލަތު ގެ ކުންފުނިތަކުގެ ވެރިން ގެ މުސާރަ އެލަވަންސް، އަސާސީ މުސާރަ، ފައިނޭންސް ޕާފޮމޭންސް އެލްވްސް ބޯޑް ސިޓިން އެލަވްންސް އެކި ނަންނަމުގައި އެއް ލައްކަ ރުފިޔާ އަށް ވުރެ މަތިން ގެއަށް ގެންދާ ކަމަށެވެ.

"އަދިވެސް އޮތީ ދެރަ ސޮރަށް ދެރަގޮތްތޯ،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ މިފަދައިން ވިދާޅުވިއިރު ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމަށް ނިންމާފައެވެ. ކުޑަ ކުރުމަށް ނިންމާފައި ވަނީ ވެސް 15،000 ރުފިޔާއިން ފެށިގެން މަތިން މުސާރަ ލިބޭ މުވައްޒަފުންގެއެވެ.