ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ފަހު މުސްތަގުބަލަށް ނަޒަރު ހިންގާއިރު ދެން އޮތް މަރުހަލާގެ މޮޑެލްއަކީ ސްވީޑަން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ފާހަގަކޮށްފިއެވެ.
ސްވީޑަންއަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިޖުތިމާއީ ގައިދުރުކަން ތަންފީޒު ކުރުމަށް ރައްޔިތުންނަށް އިތުބާރުކުރި ގައުމެކެވެ. ލޮކްޑައުންގެ ހަރުކަށި އަމުރެއް އެގައުމުގައި ތަންފީޒުކޮށްފައެއް ނުވެއެވެ. މިއާ ހިލާފަށް ވިލާތުގައި ލޮކްޑައުންގެ އަމުރުތަން ތަންފީޒުކުރި ޑެންމާކް އަދި ނޯވޭ ފަދަ ގައުމުތަކުން ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ޑަބްލިއު.އެޗް.އޯގެ ކުއްލި ނުރައްކާތަކާ ބެހޭ ޓީމުގެ އިސްވެރިޔާ ޑރ މައިކް ރާޔަން ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިގެންދާނެ ގޮތަކަށް ދާން ސްވީޑަންއިން ދޫކޮށްލާފައި އޮތް ކަމަށް ގަބޫލުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.
މިކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން ޑރ ރާޔަން ވިދާޅުވީ، ސްވީޑަންއަކީ އާންމު ސިއްހަތާ ބެހޭ ވަޒަރުގަދަ ސިޔާސަތެއް އޮތް ގައުމެއް ކަމަށާ، މިކަން ބަރޯސާވެފައި އޮތީ ގައިދުރުކަމާ، ދޮށީ އުމުރުގެ މީހުން ހިޔާވަހިކަން ހޯދަމުންދިޔަ ނާސިންގް ހޯމްތަކަށް ހިމާޔަތް ފޯރުކޮށްދިނުމާ ކަމަށެވެ.
ސްކޫލްތަކާ ރެސްޓޯރަންޓާ ފިހާރަތައް ބަންދުކުރުމާ، އިޖުތިމާއީ ގައިދުރުކަން ތަންފީޒު ނުކުރާ މީހުން ޖޫރިމަނާ ކުރުމުގެ ބަދަލުގައި ސްވީޑަންގައި އާންމުންނަށް ދެމުންދިޔައީ ނަސޭހަތެވެ.
މިކަމުން މިސާލު ޖައްސަވަމުން ޑރ ރާޔަން ވިދާޅުވީ މިއީ ހުޅަނގުގެ އާބާދީތަކުން 'ނިއު ނޯމަލް' ގެގޮތުގައި ބަލަން ރަނގަޅު މިސާލެއް ކަމަށެވެ.
ސްވީޑަންއިން 21520 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭހެގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 17862 ކޭހެކެވެ. މީގެ ތެރެއިން 531 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކާއިރު، މި ބަލީގައި ސްވީޑަންއިން މަރުވި މީހުންގެ އަދަދު 2653 އަށް ވަނީ އަރާފައެވެ.