އެއްދުވަހާ 2293 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އިންޑިއާގެ ހެލްތް އެންޑް ފެމިލީ ވެލްފެއާ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން އެއްދުވަހާ މިހާ ގިނަ އަދަދަކަށް އެގައުމުން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރި ދުވަސްވެސްމެއެވެ.

ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 37366 އަށް އަރާފައެވެ. އަދި މި ބަލީގައި 1218 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް އެ ވުޒާރާއިން ޚަބަރުދެއެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާ މިހާރުވެސް ވަނީ ލޮކްޑައުންކޮށްފައެވެ. މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުން އަމުރުގެ މުހުލަތު މާދަމާ ހަމަވާއިރު، އިތުރު 2 ހަފުތާއަށް ލޮކްޑައުންގެ އަމުރު އިތުރުކުރުމަށް އިންޑިއާގެ ސަރުކާރުންވަނީ ނިންމާ، އެކަން އިއުލާންވެސް ކޮށްފައެވެ.