ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ދެވަނަ ތިންވަނަ ރާޅަކަށް މުޅި ދުނިޔެވެސް ތައްޔާރުވާންޖެހޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އިންޒާރު ކޮށްފިއެވެ.

ޑަބްލިއު.އެޗް.އޯގެ ވިލާތު އޮފީހުގެ އިސްވެރިޔާ ޑރ ހާންސް ކްލޫގް ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި ކޮވިޑް-19 ދުރަށް ދާން ނެތް ކަމަށެވެ.

ޑަބްލިއު.އެޗް.އޯގެ ޕްރެސް ބްރީފިންގްއެއްގައި ވާހަކަދައްކަވަމުން ޑރ ކްލޫގް ވިދާޅުވީ، އެންމެ ކުރިއަރާފައިވާ ސިއްހީ ނިޒާމުތައް އޮތް ގައުމުތަކުގައިވެސް ބަލިމަޑުކަން ފެތުރިގެން ދިޔަ ދުވެއްޔަށް ބަލާއިރު އެ ގައުމުތައް އިނދަޖެހިގެން ދިޔަ ތަން ފެންނަން އެބައޮތް ކަމަށެވެ.

މިހުރިހާ ކަމަކަށް ބަލާއިރު ސިއްހަތަކީ ސިޔާސީ އެޖެންޑާތަކުގެ އެންމެ ކުރިއަށް ނެރެންވީ ކަންތައްކަން އެނގިގެން ހިނގައްޖެކަމަށް ޑަބްލިއު.އެޗް.އޯގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ސިއްހަތަކީ ކޮންމެ އިގުތިސޯދެއްވެސް ހިންގާ މައި ސޯބު ކަމަށާ، ދުޅަ ހެޔޮ ސިއްހަތަކާ ނުލާ އިގުތިސޯދެއް ނޯންނާނެކަން މިހާރު ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތަކާ ނުލާ ގައުމީ ސަލާމަތްތެރިކަންވެސް ލިބެން ނެތްކަމަށް ޑރ ކްލޫގް ވަނީ ފާހަގަކުރައްވާފައެވެ.

އެންމެންގެ ގުޅިފައިވާ މަސައްކަތުން މި ބަލިމަޑުކަމުން އަރައިގަނެވުނު ކަމުގައި ވީ ނަމަވެސް، މިއީ ހަނދާން ނެތިކޮށްލައިގެން ވާނެ ފިލާވަޅުތަކެއް ނޫންކަންވެސް ޑަބްލިއު.އެޗް.އޯގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ވެކްސިންއެއް އަދި ހޯދިފައި ނުވާއިރު، ދެވަނަ ނުވަތަ ތިން ވަނަ ރާޅަކަށް ގައުމުތަކުން ތައްޔާރުވެ އޮތުމަށް ޑރ ކްލޫގް ވަނީ ގޮވާލައްވާފައެވެ. މިކަމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.