މާލޭ މަގެއްގެ މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ އޭނާއަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރޭ ދަންވަރު 03:30 ހާއިރު ޗަމްޕާ މަގުގައި އަންހެނަކު ވެއްޓީފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެވަގުތު އެމްބިއުލާންސް ނުލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، 4:08 ހާއިރު ފުލުހުންގެ ވެހިކަލްގައި އެ މީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައި ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް 4:31 ހާއިރު އައިޖީއެމްއެޗްގައި އޭނާ ހޭ އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަގުމައްޗަށް ވެއްޓިފައި އޮތީ އުމުރުން 18 އަހަރުގެ ދިވެހިން އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ މަގުމައްޗަށް ވެއްޓިފައި އޮތީ ބަލިވެގެން ކަމެއް ނުވަތަ އެނޫންވެސް ކަމެއް ދިމާވެގެން ކަން ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ މައުލޫމާތު ކަމާބެހޭ އެއްވެސް އިދާރާއަކުން ނުދިނެވެ.

މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.