ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން އެކި ގޮތްގޮތުން އެހީ ބޭނުންވާ ގައުމުތަކަށް އަމާޒުކޮށްގެން އެމެރިކާއިން ފޯރުކޮށްދެމުން ދާ އެހީގެ ޕެކޭޖުގައި ދިވެހިރާއްޖެވެސް ހިމަނައިފިއެވެ.

އެމެރިކާގެ ހާރިޖިއްޔާއިން އާންމުކޮށްފައިވާ ބަޔާނެއް ބުނާ ގޮތުގައި، ކޮވިޑް-19އާ ގުޅިގެން އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 2 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

2 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަށް 30.8 މިލިއަން ދިވެހި ރުފިޔާއަކީ އެމެރިކާގެ އިކޮނޮމިކް ސަޕޯޓް ފަންޑް (އީއެސްއެފް)ގެ ތެރެއިން ހަމަޖެހިގެންދާ އެހީއެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމެރިކާ ހާރިޖިއްޔާއިން ބުނާ ގޮތުގައި އީއެސްއެފް އެހީއަކީ، ކުރުމުއްދަތުގައި ބަލިމަޑުކަމުގެ ގެއްލުންތަކުން އަރައިގަތުމުގެ އިތުރުން، ބަލިމަޑުކަމުގެ ސަބަބުން ދިގުމުއްދަތުގައި ދެން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުން އަރައިގަތުމަށް އެކި ސެކްޓަރުތަކަށް ހާއްސަކޮށްގެން ދެވޭ އެހީއެކެވެ.

މި މަޝްރޫއުގެ ދަށުން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަކީ ކޮވިޑް-19ގެ ސަބަބުން ކުރި އަސަރުތަކުން އަރައިގަތުމަށް އިޖުތިމާއީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަދަނީ ޖަމިއްޔާ/ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ހާއްސަކޮށްގެން ދޭ އެހީއެއް ކަމަށްވެސް އެމެރިކާގެ ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ކޮވިޑް-19ގެ ސަބަބުން ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފައިވާ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރަށްބޭނުންވާ ފަންނީ އެހީއާއި، ޕްރައިވެޓް ސެކްޓަރާ މާލީ އިދާރާތަކަށް ބޭނުންވާ އެހީތެރިކަންވެސް މި ފަންޑުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އެމެރިކާ ހާރިޖިއްޔާއިން ބުނެއެވެ.

2004 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދިވެހިރާއްޖޭގައި ކޮށްފައިވާ އެކި އިންވެސްޓަމަންޓްތަކުގެ އަގު، 30 މިލިއަން ޑޮލަރަށްވުރެ ބޮޑު ވާނެ ކަމަށް އެމެރިކާގެ ހާރިޖިއްޔާއިން ފާހަގަކުރެއެވެ.

މިފަދަ ވަގުތެއްގައި އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ މި އެހީ ފާހަގަކުރައްވާ، ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ އަދި އެމެރިކާއިން ދިވެހިރާއްޖެއަށާ ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑާ އެލައިނާ ބީ ޓެޕްލިޓްޒްއަށް ޝުކުރު އަދާކުރައްވާފައެވެ. މިފަދަ އެހީތަކަކީ ރާއްޖޭގެ ބައިވެރިންގެ ފަރާތުން މި ގައުމަށް ބޭނުންވެފައިވާ އެހީއެއްކަންވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށް އެމެރިކާއިން ކޮވިޑް-19އަށް ހާއްސަކޮށްގެން އެހީގެ ޕެކޭޖުތަކެއް ދޭން ނިންމާފައި މިވަނީ، ކޮވިޑް-19އާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ އދގެ ސިއްހަތާ ބެހޭ އިދާރާ ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އަށް އެމެރިކާއިން ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން މެދުކަނޑާލާނެ ކަން އެގައުމުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.