މީގެ އަހަރުތަކެއް ކުރިން ފެތުރުނު އެބޯލާ ރޯގާއަށް ހާއްސަކޮށްގެން އުފެއްދި އެންޓިވައިރަލް ޑްރަގެއް ކަމަށްވާ ރެމްޑެސިވިއާ ބޭނުންކޮށްގެން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ)އިން ކުއްލި ގޮތަކަށް ހުއްދަ ދީފިއެވެ.
މިއާއެކު، ކޮވިޑް-19ގައި ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ރެމްޑެސިވިއާ ބޭނުން ކުރެވޭނެއެވެ.
ދާދިފަހުން ހެދި ދިރާސާއަކަށް ބަލާއިރު، ފަރުވާ ދިނުމަށް ރެމްޑެސިވިއާ ބޭނުން ކުރުމުން، ހާލު ދެރަ ބަލި މީހުންގެ ކިބައިން ބަލި ފަސޭހަވާން ނަގާ މުއްދަތު ކުރުވާކަމަށް ވަނީ ދައްކާފައެވެ.
މިދަނޑިވަޅުގައި ފާހަގަކުރަންޖެހޭ ކަމަކީ އެފް.ޑީ.އޭއިން ރެމްޑެސިވިއާއަށް ދީފައިވަނީ ކުއްލި ނުވަތަ ވަގުތީ ހުއްދައެއް ކަމެވެ. ރަސްމީ ސިފައެއްގައި ފުރިހަމަ ހުއްދައެއް ދިނުމަށް މަތީ ފެންވަރުގައި ފުޅާދާއިރާއެއްގައި މުރާޖައާތަކެއް ކުރިއަށް ގެންދަން ޖެހޭނެއެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއެކު ވައިޓްހައުސްގައި ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި، ރެމްޑެސިވިއާ އުފެއްދި ޖިލިއަޑް ކުންފުނީގެ ޗީފް އެގްޒެކެޓިވް ޑެނިއަލް އޯޑޭ ވިދާޅުވީ، އެފް.ޑީ.އޭގެ މި ހުއްދައަކީ ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ބޭހުގެ 1.5 މިލިއަން ޑޯޒް ހަދިޔާ ކުރައްވާނެ ކަންވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.
އެފް.ޑީ.އޭގެ ކޮމިޝަނަރު ސްޓީވަން ހާން ވިދާޅުވީ މިއީ ކޮވިޑް-19އަށް ފަރުވާ ދިނުމަށް ވަކި ބޭހެއް ކަނޑައެޅިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.
ރެމްޑެސިވިއާއާ ބެހޭ ގޮތުން އެނގެނީ ކޮންއެއްޗެއް؟
މި ޑްރަގް ބޭނުން ކުރުމުގެ ސަބަބުން، ކޮވިޑް-19ގެ އަލާމާތްތައް ދެމި ހުންނަ މުއްދަތު، 15 ދުވަހުން 11 ދުވަހަށް ވަނީ ކުޑަކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ޑްރަގް ތަޖުރިބާ ކުރަމުންދާ ހޮސްޕިޓަލުތަކުންވެސް މި ނަތީޖާ ފެނިފައި ވާކަމަށް ޚަބަރު ލިބެއެވެ.
ރެމްޑިސިވިއާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދޭނެ ބޭހެއް ކަމަށާ، ހަމަ މިއާއެކު ހޮސްޕިޓަލުތަކަށް ބާރުބޮޑުވެފައި އޮތް އޮތުމަށް ހައްލެއް ލިބި، ލޮކްޑައުންތަކަށް ލުއި ލިބުމުގެ ފުރުސަތު ބޮޑުކަމަށްވެސް ބުނެވެއެވެ.
ޑރ އެންތަނީ ފައޫޗީ ވިދާޅުވީ، ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކޮވިޑް-19 ޖެހުމަށް ފަހު ބަލި ފަސޭހަވާން ހޭދަވާ މުއްދަތު، ރެމްޑިސިވިއާގެ ސަބަބުން ކުޑަކުރެވެއެވެ. މި ޑްރަގްގެ އެހީގައި ވައިރަސް ބްލޮކް ކުރެވޭ ކަމުގެ ހެކި ލިބިފައި ވާކަމަށާ، އެހެންކަމުން މިއީ، ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ކުރެވޭ ކަމުގެ ހެއްކެއްގެ ދޮރު ހުޅުވާލަދޭ ކަމެއް ކަމަށް ވެސް ޑރ ފައޫޗީ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19އަށް ހުރި ބޭސްތަކާ ބެހޭ އެންމެ ބޮޑު ދިރާސާއެއް ކުރައްވަމުން ދަނީ ޔުނިވާސިޓީ އޮފް އޮކްސްފޯޑް ޕްރޮފެސާ ޕީޓާ ހޯބީއެވެ. ޕްރޮފެސާ ހޯބީ ވިދާޅުވާ ގޮތުގައި، ރެމްޑިސިވިއާގެ ފުރިހަމަ ނަތީޖާ އެނގުން މުހިންމެވެ.