ޖަޕާން ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 8 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ދީފިއެވެ.

ފޮރިން މިނިސްޓަރީން ބުނީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޔުނިސެފް މެދުވެރިކޮށް 5،634،468 މިލިއަން ދިވެހި ރުފިޔާ އާއި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،852،700 މިލިއަން ދިވެހި ރުފިޔާ، ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ ކަމަށެވެ.

މި އެހީ ބޭނުން ކުރެވޭނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައި ދިނުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމް ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

މިފަދަ އެހީތެރިކަމަކަށް ބޭނުން ވެފައިވާ ދަނޑިވަޅެއްގައި ޖަޕާން ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވި ދީލަތި އެހީތެރި ކަމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި މިއީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި ޖަޕާނަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެއް ގައުމު ކަމަށް އެ މިނިސްޓރްީން ވަނީ ފާހަގަ ކޮށްފައެވެ.

އެގައުމުން ވަނީ ރާއްޖޭގެ ތައުލީމާއި، އުމްރާނީ ތަރައްގީގެ އިތުރުން މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޖަޕާނަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ މާލީ އެހީތެރިކަން ފޯރުކޮށްދިން އެއް ގައުމެވެ.