ހުއްދަ ނުހޯދާ ކެނޯއެއްގައި ބ.މާޅޮހުން ބ. ދަރަވަންދުއަށް ގޮސް ފިލައިގެން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެގެ ހެނދުނު 7:00 ހާއިރު މާޅޮހުގެ ޓާސްކް ފޯސްގެ ހުއްދަނެތި މާޅޮހުން ކެނޯ އެއްގައި ދަރަވަންދޫއަށް ގޮސް ފިލަިގެން އުޅުނު މީހަކު ރޭ 12:26 ހާއިރު، ހޯދުމަށް ހަފު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށައި އޭނާ ހައްޔަރު ކުރީ ދަރަވަންދޫން ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ހުއްދަ ނުހޯދާ ށ. ބިލެއްފަހިން ށ. ފޭދުއަށް ދިޔަ 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ލޮކްޑައުންގައި ކުރިނބީން ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ ކުރިންވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް ދަތުރު ކުރުން މަނާ ކޮށްފައި ވަނިކޮށް ހދ. ނޮޅިވަރަމްގެ ހުޅަނގު ފަރާތުން ކެނޯއެއްގައި ދެ މީހަކު ކުޅުދުއްފުށީ ސިޓީ އެއާޕޯޓްގެ ރަންވޭގެ ހުޅަނގު ކޮޅުން ކެނޯ ބަންޑުން ޖަހާލާފައިވާ ކަމަށް ބުނެ، ކުޅުދުފުއްޓަށް އަރާފައިވާ މައްސަލައެއްވެސް ވަނީ ފެންމަތި ވެފައެވެ. އަދި ފުލުހުން ވަނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.