ރާއްޖޭގައިވެސް ހަލުވި ކަމާއެކު ދެތުރެމުންދާ ކޮވިޑް-19 އަށް އިތުރު 23 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް ޖެހިފައިވާ ޖުމްލަ އަދަދު 514 އިން މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޯޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ ޕޮޒިޓިވް ވެފައި ވަނީ 17 ދިވެހިންނާއި ބަގްލަދޭޝް 4 މީހުންނާއި އިންޑިއާ މީހެއްގެ އިތުރުން ނޭޕާލް މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 23 އެވެ. ކުރިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ.

މިއަދު ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 17 އަށް އަރާފައިވާއިރު، މިހާތަނަށް ޕޮޒިޓިވް ވި 514 މީހުންގެ ތެރެއިން 174 މީހުންނަކީ ދިވެހިންނެވެ. 340 މީހުންނަކީ ބިދޭސީންނެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ 73 އަންހެނަކާއި 441 ފިރިހެނުންނެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު މިދިޔަ ހުކުރު ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވީ ދުވަހެކެވެ. ހުކުރު ދުވަހު އެކަނިވެސް 191 މީހުން ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ.