ރާއްޖޭގައި އެމްބިއުލާންސް ނުލިބޭ ހާލަތަކަށް ނުދާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދަ ޕްރެސް"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ކޯލް ސެންޓަރު ތަކަށް ނުގުޅިގެން އުޅުނު ވާހަކަ ކުރިން އިވުނު ނަމަވެސް މިހާރު ވަނީ ވަރަށް ބޮޑުތަނުން ކޯލްސެންޓަރުތަކުގެ ހިދުމަތް ރަނގަޅު ކުރެވިފައި ކަމަށެވެ.

"ކޯޑިނޭޝަން އިޝޫތަކެއް" އުޅޭކަން ގަބޫލު ކުރައްވާ ކަމަށާއި އެ ކަންތަށްތަކަށްވެސް އެޓެންޑް ވަމުން ދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ކަންކަމުގެ އިމްޕްރޫވްމަންޓް އެއްދުވަހުން އަނެއް ދުވަހަށް ފެންނަމުން ދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމްބިއުލާންސް ނުލިބޭ ކަމަށް އާންމުން ކުރާ ޝަކުވާއަ ގުޅިގެން އޭނާ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ހާލަތު ގޯސްވެގެން އިތުރަށް އެމްބިއުލާންސް ބޭނުންވެގެން އުޅޭ ހާލަތަށް އަދި ނުދާކަމަށާއި، މިވަގުތު ބޭނުން ކުރަމުން ދަނީ އާރްއާރްޓީ (ރެޕިޑް ރެސްޕޮންސް ޓީމް) އިން ބޭނުންކުރާ ވެހިކަލެއް އެކަނި ކަމަށާއި އެހެން ހުރިހާ ވެހިކަލެއް ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް ހެލްތް ކެއާ ސިސްޓަމުގައި ވަސީލަތްތަކާއި މީހުނާއި ބޭސް ހުރި ނިސްބަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، ޓްރެއިން ކުރެވުނު މީހުންގެ އަދަދާއިި ޑޮކްޓަރުންގެ ޓްރެއިނިން އާއި މެޑިކަން ސަޕަލައިސް ރާއްޖެ އައިސްފައި ހުރި، ނަމަވެސް މިކަމުގައި ދިމާވާ ދަތި އެބަހުރި ކަމަށެވެ. އެ ދަތިތަކުގެ ތެރޭގައި މިހާލަތަށް ބޭނުންވާ ވަރަށް މެޑިކަލް ސާމާނު ލިބުން ދަތި ވުން ފާހަގަ ކުރެއްވިއެވެ.

ފުރަތަމަ ކޯލް ސެންޓަރުތަކުގެ ވާހަކަ ދައްކާއިރު، ކޯލް ސެންޓަރު ތަކަށް ނުގުޅިގެން އުޅުން ވާހަކަ އިވުނު، ނަމަވެސް މިހާރު ވަނީ ވަރަށް ބޮޑުތަނުން ކޯލްސެންޓަރުތަކުގެ ހިދުމަތް ރަނގަޅު ކުރެވިފަ، ކޯޑިނޭޝަން އިޝޫތަކެއް ނޫޅޭކޭ ނޫން ހަމަ، އަޅުގަނޑުމެން އެ ކަންތަށްތަކަށްވެސް އެޓެންޑް ވަމުން މި ދަނީ، އެހެން ނަމަވެސް ދުވަހުން ދުވަހަށް އިމްޕްރޫވްމެންޓް ހުންނާނީ އެ ކަންތަށް ތަކުގަ ފެނިފަ، ދެން އެމްބިއުލާންސް ކަންތަކުގަ އަޅުގަނޑު ބުނެލަން، އިތުރަށް ސިއްހީ ހާލަތު ރާއްޖޭގަ ގޯސްވެގެން ޔޫސޭޖް މާ ބޮޑުތަނުން އިތުރުވެގެން މިވަގުތަކުއެއް ނޫޅެ، އާރްއާރްޓީ ޓީމުން ބޭނުންކުރާ ވެހިކަލެއް އެކަނި ބޭނުން ކުރަނީ، އެހެން ހުރިހާ ވެހިކަލެއް ހަމަ އެޓް އަވާ ޑިސްޕޯސަލް، އެކަމުގެ ދައްޗެއް ދިމާ ވެފައެެއް ނެތް،
މަބްރޫކް

ރާއްޖޭގައި އެމްބިއުލާންސް ނުލިބުމުގެ ދަތިކަމެއް ނޫޅޭކަމަށް މަބްރޫކް ވިދާޅުވެފައި ވާއިރު، އިއްޔެ އާއިލާ އަކުން ވަނީ، ކޯޑިނޭޝަނާއި ހިދުމަތް ލިބުމުގައި ލަސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ނުލިބި 79 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ނަންހާމަ ކުރަން ބޭނުން ނުވާ ފަރާތަކުން އާއްމު ކޮށްފައިވާ މެސެޖެއްގައި ވަނީ އުމުރުން 79 އަހަރުގެ (އޭނާގެ ކާފަ) ނިޔާވީ، އެއް ނަންބަރަށް ގުޅާ، އަނެއް ނަންބަރަށް ގުޅާ އެހެން ގޮސް އެމްބިއުލާންސްއަށްވެސް ނާދެވި އުޅެނިކޮށް ކަމަށެވެ.

އޭނާގެ ކާފަ އުޅުނީ ނޭވާލާން އުނދަގޫވެ، އަދި ގައިގައި ރިއްސާތީ ކަމަށާއި ކާފަ އޮތް ގެއަށް ފޯނުގެ ސިގްނަލް ނުލިބޭތީ، ބޭރަށް ނުކުމެ ފުރަތަމަ ގުޅީ ސެނަހިޔާ އަށް ކަމަށާއި، އެތަނުން އެޗްޕީއޭއަށް ގުޅަން ބުނުމުން ގުޅީމައި، އެތަނުން ބުނީ އަނެއްކާ ސެނެހިޔާއަށް ގުޅަން ކަމަށެވެ. ދެވަނަ ފަހަރަށް ސެނެހިޔާއިން ބުނީ އެޗްޕީއޭ އަށް އެކަން އަންގާނެ ކަމަށް ކަމަށާއި، އެޗްޕީއޭ އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ބުނިކަމަށެވެ. އަނެއްކާވެސް އެޗްޕީއޭ އަށް ގުޅުމުން، އެޗްޕީއޭ އިން ބުނީ އައިޖީއެމްއެޗް އަށް ގުޅަން ކަމަށާއި އަޖީއެމްއެޗްއަށް ގުޅުމުން ބުނީ އެމްބިއުލަންސް އަށް ގުޅުމަށް ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އެމްބިއުލަންސަށް ގުޅުމުން އެއްވެސް އެމްބިއުލަންސެއް އެވަގުތު ހުސްކޮށް ނެތް ކަމަށް ބުނެފައިވާ ކަމަށް އޭނާގެ މެސެޖުގައި ވެއެވެ. އެއަށްފަހު އެމްބިއުލަންސެއް ލިބޭނެ ގަޑިއެއް ނޭނގޭ ކަމަށް ބުނި ކަމަށްވެސް އޭނާގެ މެސެޖުގައި ލިޔެފައި ވެއެވެ.

އެމްބުލަންސެއް ނުލިބުމުން ފުލުހުންގެ ނަމްބަރަށް ގުޅަން މަސައްކަތް ކުރިން ކަމަށާއި ނަމަވެސް ނުގުޅުނު ކަމަށް އޭނާ ބުނެފައިވެއެވެ. އެއަށްފަހު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގުޅުމުން، އިރުކޮޅަކުން އޭޑީކޭއިން ގުޅާ ގޭގެ އެޑްރެސް ހޯދި ކަމަށެވެ. އަދި އޭޑީކޭގެ އެމްބިއުލާންސްއަށް އެ ގެއާ ހަމައަށް ދެވުނު އިރު އޭނާގެ ކާފަ ނިޔާވެއްޖެއެވެ.

އެމްބިއުލާސްއާއި އެހެނިހެން އިންސާނީ ވަސީލަތްތަކުގެ ދަތިކަމެއް ނެތް ވާހަކަ މަބްރޫކް ވިދާޅުވާ އިރު، ރޭ ދަންވަރު މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް އުމުރުން 18 އަހަރުގެ މީހަކު ހޮސްޕިޓަލަށް ގެންދިޔައީވެސް އެމްބިއުލާންސް އެއް ލިބެން ނެތިގެން ފުލުހުންގެ ވެހިކަލެއްގައެވެ.

އަދި ހަމަ އެހެންމެ އެޗްޕީއޭގެ ޓެގް ޓީމުތަކަށް ބޭނުންވާ ސަޕޯޓު ސްޓާފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އެބަދެއެވެ.