ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން ދާތީ މުޅި ރާއްޖެ ލޮކްޑައުންގެ ހާލަަތަށް ގެނެސްފަިއވާ މި ދަނޑިވަޅުގައި ޖެންޑާ މިނިްސްޓްރީން މާލޭގެ ސަރަހައްދުން 171 ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާތަނަށް 171 ފަރާތަަކަށް ޖެންޑާ މިނިސްޓްރީން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އޭގެތެރެއިން މިވަގުތު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބީ 93 ފަރާތެއް ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ކާބޯތަކެތީގެ ދަތިކަން އުޅޭތީ ގުޅައިގެން އެހީތެރިކަމަށް އެދިފައިވާ 238 ފަރާތަކަށް ކާބޯތަކެތީގެ އެހީތެރިކަންވެސް ޖެންޑާ މިނިސްޓްރީން ވަނީ ފޯރުކޮށްދީފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅާކީ ހުރިހާ ގައުމަކަށް ވެސް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަާކއި ކުރިމަތިލާން ޖެހިފަިއވާ ދުވަސްވަރެކެވެ. ރާއްޖޭގައިވެސް މި ހާލަަތުަގއި ވަޒީފާ ގެއްލި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވަށް އެތައް މަސައްކަތްތެރިންނެއް ވަނީ ގޮސްފައެވެ. މި ދަނޑިވަޅުގައި އެންމެންނަށްވެސް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އެ ހާލަތުގައި ރޯދަމަސް އައުމާ ގުޅިގެން އެތައް ބައަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ހާލުގައި އުޅޭ އާއިލާތަކަށް ރޯދަ ވީއްލުމަށް ބޭނުންވާ ތަކެތި ބައެއް ފަރާތަތަކުން ފޯރުކޮށްދެއެވެ. ހަަމއެއާއެކު ވަންނާނެ ތަނެއް ނެތް ފަރާތަތަކަށް ހިލޭ ބޯހިޔާވަހިކަންވެސް ބައެއް ފަރާތަތަކުން ދަނީ ފޯރުކޮށްދެމުންނެވެ. އާއިލާއާއި ރައްޓެހިންނަށް ގުޅައި އެމީހުންގެ ހާލު އަހުވާލު ބަލާ ހަދައެވެ.