3 މިލިއަނަށް ވުރެ ގިނަ މީހުން އެ ބައްޔަކަށް ޕޮޒިޓިވް ވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އަދިވެސް އޮތީ ބައިނަލްއަގުވާމީ އާންމު ސިއްހަތު ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނެފިއެވެ.

މިއީ ތަފާތު އެކި ބަލިތަކާ ގުޅިގެން ޑަބްލިއު.އެޗް.އޯއިން އިއުލާން ކުރާ އެންމެ މަތީ ދަރަޖައިގެ އެލާމްއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއު.އެޗް.އޯގެ ކޮމިޓީ މެމްބަރު ޑރ ޑިޑިއޭ ހުސައިން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން އަދި ނިމުމަކަށް ނާންނަކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ޑރ ހުސައިން ވިދާޅުވީ ބަލި ފެތުރިގެންދާ ގޮތާ ބެހޭ ގޮތުން އަދިވެސް ގިނަ ކަންތައްތަކެއް ދަސްކުރަން އެބަހުރި ކަމަށެވެ.

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ނުވަތަ ވެކްސިންއަކަށް އަދި ލައިސަންސް ދޫކޮށްފައި ނުވާނެކަންވެސް ޑރ ހުސައިން ވަނީ ހާމަކުރައްވާފައެވެ.

ޑަބްލިއު.އެޗް.އޯއިން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ގޮސްފައިވާ ހިސާބު ވިލަރެސް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގެ މިނިވަން ތަޖުރިބާކާރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަދުގެ ހާލަތު ދެނެގަނެ، ޑަބްލިއު.އެޗް.އޯއިން ދޭ ލަފާތައް މުރާޖައާ ކުރުމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް ޚަބަރު ލިބެއެވެ.

ޤުދުސްގައި ދިރިއުޅޭ މުސްލިމުން އިޖުތިމާއީ ގައިދުރުކަމާއެކު ނަމާދު ކުރަނީ/ފޮޓޯ: ރޮއިޓާޒް

އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ކޮމިޓީގެ ބައްދަލުވުމެއް ދެން އޮންނާނީ 90 ދުވަސް ފަހުންނެވެ. ކަންމިހެން އޮތް ނަމަވެސް، ކޮންމެހެން ބޭނުން ޖެހިއްޖެ ހިނދެއްގައި މިއަށްވުރެވެސް އަވަހަށް ބައްދަލުކުރުން އެކަށީގެންވާކަމަށް އެއިދާރާއިން ބުނެއެވެ.

ކޮވިޑް-19ގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދިވެސް ހޯދިފައި ނުވާއިރު، މިކަން ދެނެގަތުމުގެ ނަމުގައި ޗައިނާއިން ކުރިއަށް ގެންދާ ދިރާސާތަކުގައި އެ އިދާރާއިން ބައިވެރި ނުވާކަން ޑަބްލިއު.އެޗް.އޯއިން ކަށަވަރުކޮށްދީފައިވާކަމަށް ސީއެންއެންއިންވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މިފަދަ ދިރާސާތަކުގައި ބައިވެރިވުމުގެ ޝައުގު އިންތިހާއަށް އެބައޮތްކަންވެސް އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ.