ޓީވީއެމްއިން ގެނެސްދޭ ކުޑަކުދިންގެ ޕްރޮގްރާމު "ކުޑަ މަސައްކަތެއް"ގައި ކުޑަކުއްޖަކު ލައްވައި ސިޔާސީ ރައިވަރެއް ކިޔުއްވި މައްސަލައިގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން މައާފަށް އެދި އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައިފިއެެވެ.
ޕީއެސްއެމްގެ ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ) ހުށަހަޅާ ކުޑަ މަސައްކަތެއް ޕްރޮގްރާމުގައި ކުޑަކުއްޖަކު ލައްވައި ކިޔުއްވައިގެން މައްސަލަ ހޫނުވި ރައިވަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ގުޅޭ ސިޔާސީ ވާހަކަތަކެއް ހިމެނޭ ރައިވަރެކެވެ.
އެ މައްސަލައާ ގުޅިގެން ޕީއެސްއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުޑަ މަސައްކަތެއް ޕްރޮގްރާމުގައި ހިމަނާފައިވާ އެ ކޮންޓެންޓަކީ އާންމު އިޖުތިމާއީ މިންގަނޑާއި، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި، ޕީއެސްއެމްގެ ބްރޯޑްކާސްޓު ކުރުމުގެ ގަވައިދާ ހިލާފު ކޮންޓެންޓެއްކަން ގަބޫލު ކުރާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން ހުރިހާ ސްޓޭކްހޯލްޑަރުންނާއި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ޕީއެސްއެމުން ބުނެއެވެ. ހަމައެއާއެކު އެ މައްސަލައިގައި އިހުމާލުވާ ފަރާތްތައް ހޯދައި އެ މީހުންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.
އެގޮތަށް ކަން ހިނގާފައި ވަނީ ކޮވިޑް-19އާ ގުޅިގެން ވީހާވެސް މަދު މުވައްޒަފުންނާއެކު ޓީވީއާއި ރޭޑިއޯގެ ޓްރާންސްމިޝަން މެދުނުކެނޑި ކުރިއަށްގެންދިޔުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި އުސޫލުތަކުގެ ބޭރުން ހިނގައިދިޔަ ކަންތައްކެއްގެ ސަބަބުން ކަމަށް ޕީއެސްއެމްއިން ބުނެއެވެ. ލޮކްޑައުންގެ މި ހާލަތުގައި ގެނެސްދޭ އެކި ޕްރޮގްރާމުތަކުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ހޯމް ޕްރޮޑަކްޝަންތައް ކަމަށާއި އެ އުފެއްދުންތަކުގެ ރެކޯޑިން ޕްރެޒެންޓިން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތަކެއް ގޭގައި ތިބެގެން ތައްޔާރުކޮށް، ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭ އުފެއްދުންތަކެއް ކަމަށް ޕީއެސްއެމުން ބުނެއެވެ. އެހެންކަމުން އެކަން ހިނގައި ދިޔައީ އޮޕަރޭޝަން ކެޕޭސިޓީ ދަށްކުރެވިފައިވާ ވަގުތެއްގައިކަމަށް ޕީއެސްއެމުން ފާހަގަކޮށްފައި ވެއެވެ.