ކޮވިޑް ފެތުރެމުންދާތީ، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 168 މުވައްޒަފަކު މަސައްކަތް ކުރަމުން ދަނީ ސައިޓްތަކުގައި ތިބެގެން ގެއަށް ނުގޮސް ކަމަށް އެ ކުންފުނީގެ އެމްޑީ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑްއާ ގުޅޭ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ 168 މުވައްޒަފުން ތިބީ ސައިޓުގައި ނިދާ ޕޯޓުތަކުގެ އެތެރޭގައި ލޮކްޑައުންވެގެން ކަމަށެވެ. އެގޮތުން ލޮކްޑައުން ވެގެން ތިބީ ޕޯޓުގެ އޮޕަރޭޝަންއަށް މުހިއްމު ސްކިލްޑް މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދައިން އެ މުވައްޒަފުން ލޮކްޑައުންގައި ބައިތިއްބާފައި ވަނީ އެ މުވައްޒަގުންގެ ރައްކަލަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލޮކްޑައުން ހާލަތުގައި ކުންފުނީގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. އެ ގޮތުން މާލެ ލޮކްޑައުންގެ ހާލަތަށް އައި އިރު ބައެއް މުވައްޒަފުން ގޭގައި ތިބި ކަމަށާއި އަދި ލޮކްޑައުންގެ ހާލަތުގައި ނުކުމެގެން މަސައްކަތް ކުރާ މުވައްޒަފުންނަކީ މި ހާލަތުގައި ވޮލަންޓިއާކޮށް ނުކުމެގެން މަސައްކަތް ކުރެވޭނެ މުވައްޒަފުން ތޯ ބަލައިގެން ކުންފުނީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު އެމްޕީއެލުން ކުރިމަތި ލަމުންދާ ގޮން ޖެހުންތަކުގެ ތެރޭގައި ޕޯޓުތެރޭގައި މުދާ ގިނަ ވުމާއި، މަސައްކަތް ކުރާ މުވައްޒަފުން މަދުވުމާއި، މަސައްކަތް ކުރާ ގަޑި މަދުވުމުގެ މައްސަލަތައް ޝާހިދު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންގެ އެދުމަށް ހުޅުމާލެއާއި މާލެއާ ދެމެދު އެމްޕީއެލްގެ ބަސްދަތުރުތައް ބާއްވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޝެޑިއުލެއްގެ ދަށުން ބާއްވާ ބަސް ދަތުރުތަކަކީ ސިއްހީ ދާއިރާއާއި މި ލޮކްޑައުންގެ ހާލަތުގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުން މަސައްކަތަށް ދިއުމަށާއި، މަސައްކަތް ނިންމާލުމަށް ފަހު ގެއަށް ދިއުމަށް ބޭނުންވާ ފަރާތަތްކަށް ހިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ބަސް ދަތުރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ހިދުމަތް ދިނުމަށް ޓްރާންސްޕޯޓު ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މަދު މުވައްޒަފުންތަކެއް ލޮކްޑައުންވެގެން ގެއަށް ނުގޮސް އެތަނުގައި ތިބެގެން ހިދުމަތް ދެމުން އަންނަ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ސަދަން ޓްރާންސްޕޯޓުގައި ދެ ފެރީއެއް ބާއްވާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ. ލޮކްޑައުންގެ ހާލަތުގައި ފަސިންޖަރުން އުފުލުމުގެ އެއްވެސް ހުއްދައެއް ނެތުމުން އެ ފެރީތަކަކީ ހަމައެކަނި ކާގޯ އުފުލުމަށްޓަކައި ބާއްވާ ފެރީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.