އެމްޕީއެލްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފު ޕޮޒިޓިވް ކަން އެނގުނު އިރު އެންމެ ފަހުން އޮފީހަށް ނުކުތީ މިމަހުގެ 18 ވަނަ ދުވަހުގައި ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން އެނގިފައި ވަނީ މީގެ 4 ދުވަސް ކުރިން ކަަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ހުޅުމާލޭގައި ހުންނަ ކޮވިޑް ވިލެޖުގައި އެމްޕީއެލްގެ ފަރާތުން އެއްވެސް އަމަލީ މަސައްކަތެެ ނުކުރާ ކަަމަށާއި ނަމަވެސް އެ ކްނސްޓަރކްޝަން ސަރަހައްދަށް އެމްޕީއެލުން 10 ކޮންޓެއިނާ ޑެލިވާ ކުރި ކަމަށް ޝާހިދު ވިދާޅުވިއެވެ. ލޮޖިސްތިކް ސްތާފުން އެ މަސައްކަތުގައި އުޅެފައިވާއިރު އެމްޕީއެލްގެ ސްޓާފެއް ޕޮޒިޓިވްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޕޮޒިޓިވް ވި ސްޓާފަކީ އެމްޕީއެލްގެ ސްޓާފުންނާއެކީ ލޮކްޑައުންވި ސްޓާފެއް ނޫން ކަމަށާއި އެއީ ޑިއުޓީއަށް ނުކުންނަ އުސޫލުން ނުކުންނަ ސްޓާފެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭން މިހާތަނަށް 468 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު ބާޒާރުމަތީ ކްލަސްޓާއަކީ އެންމެ ބޮޑު ކްލަސްޓާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެމްޕީއެލްއަކީ ބާޒާރުމަތީގައި އެންމެ ކާރުބާރު ބޮޑުކޮށް، މުދާ އަރުވާ ބޭލުމާއި، މާލެ ތެރެއާއި އެކި ރަށްރަށަށް ގެންދާ މުދާ ސަރަހައްދުން ބޭރު ކުރުމުގައި އެންމެ ބުރަ މަސައްކަތެއް ކުރާ އެއް މުވައްސަސާއެވެ.
މާލެ ނޯތު ހާބަރަކީވެސް އެމްޕީއެލްގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ތަނަކަށް ވާއިރު، މުޅި ސަރަހައްދު ހިމެނެނީ އެންމެ ފުޅާކޮށް، ބޮޑުކޮށް ބަލި ފެތުރިފައި އޮތް ކްލަސްޓާގެ ގޮތުގައެވެ.