ރާއްޖެއިން ކޮވިޑަށް މިއަދު އިތުރު 10 މީހުން ޕޮޒިޓިވްވެ، ޖުމްލަ އަދަދު 491 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ.

އެޗްޕީއޭން ބުނީ ޕޮޒިޓިވް ވެފައި ވަނީ ފަސް ދިވެހިންނާއި ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާގެ ދެ މީހުން ކަމަށެވެ.

މި 10 މީހުންނާ އެކު މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 23 އަށް އަރާފައެވެ. ކުރިން ޕޮޒިޓިވް ވި 13 މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ. އެއީ ހަތް ދިވެހިންނެވެ. ދެން ހިމެނެނީ ހަ ބިދޭސީންނެވެ. އެ މީހުން ނިސްބަތް ވަނީ ބަންގްލަދޭޝް އަށެވެ.

މިއަދު ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. މިހާތަނަށް ޕޮޒިޓިވް ވި 491 މީހުންގެ ތެރެއިން 155 މީހުންނަކީ ދިވެހިންނެވެ. 336 މީހުންނަކީ ބިދޭސީންނެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ 69 އަންހެނަކާއި 422 ފިރިހެނުންނެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު އިއްޔެ އަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވީ ދުވަހެކެވެ. އިއްޔެ އެކަނިވެސް 191 މީހުން ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ.