މުޅި ދުނިޔެ އިނދަޖައްސާލާފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ލީޑަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވަމުން ނުދާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ގުޓެރޭޒްވަނީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ތަކުލީފުތަކާ ގުޅިގެން ގައުމުތަކުގެ ލީޑަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވަމުން ނުދާކަން ފާހަގަކުރައްވާ، އެކަމާ ހިތާމަ ކުރައްވާކަން ހާމަކުރައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން އެމެރިކާ ސަރުކާރުން އެކުލަވާލި އާ ދިރާސާ ހުށަހެޅުމުގެ ބައްދަލުވުމުގެ ތެރެއިން ޑޮނާލްޑް ޓްރަމްޕް ބޯޑަކަށް ބަލަހައްޓަވައިގެން/ފޮޓޯ: ގެޓީ އިމޭޖަޒް

ވީޑިއޯލިންކް މެދުވެރިކުރައްވާ ނޫސްވެރިންނާ ބައްދަލުކުރައްވާ، މިމޭރުމުން ވާހަކަދައްކަވަމުން ގުޓެރޭޒް ވަނީ ހުރިހާ ޒާތެއްގެ ހަމަލާ ބަދަލުކުރުންތައް ހުއްޓުމަކަށް ގެނެސް، މި ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މުޅި ދުނިޔެ އެކަތިގަނޑަކަށް ވުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

ކޮވިޑް-19އާ ކުރިމަތިލުމަށް ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ގުޓެރޭޒް ވަނީ މީގެ މަހެއްހާ ދުވަސް ކުރިންވެސް ގޮވާލައްވާފައެވެ. ނަމަވެސް މިކަމަށް އަމަލީ ސިފައެއް ނައިސް އޮތް އެންމެ ބޮޑު އެއް ސަބަބަކީ އދގެ ސާލަމަތީ މަޖިލީހުން މިކަމާ ގުޅުންހުރި ގަރާރެއް ފާސްކުރެވިފައި ނުވުން ކަމަށްވާއިރު، މިއީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ބަލިކަށި ގުޅުމުގެ ނަތީޖާ ކަމުގައި ގުޓެރޭޒް ވަނީ ސިފަކުރައްވާފައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް/ފޮޓޯ: ޝީންހުއާ

މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި އޮންނަންޖެހޭ މި ދަނޑިވަޅުގައި ދުނިޔެ ބައިބައިވެފައިވާކަން ފާހަގަކުރައްވަމުން ގުޓެރޭޒް ވިދާޅުވީ، ލީޑާޝިޕެއް ނެތުމުގެ އުނިކަން ސާބިތުވާކަމަށެވެ. އަދި މިއީ ވަގުތު ފާއިތު ނުވަނީސް ހައްލުވެގެންދާނެ ކަމަކަށްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ގުޓެރޭޒްވަނީ ވިދާޅުވެފައެވެ.

މިފަދަ މަންޒަރެއް ދާދިފަހުން ވަނީ އާންމުވެސްފައެވެ. އެގޮތުން އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށްދިޔައިރު ފަރަންސޭސިވިލާތުގެ މަންދޫބު ވަނީ އޭނާގެ މައިކްރޮފޯން އޮފްކޮށްލަން ހަނދާން ނެތި އިންނަވައިގެން އެހެން ފޯނުކޯލެއްގައި ވާހަކަދައްކަވާފައެވެ. އެ ކޯލުގައި އޭނާ ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި އެމެރިކާއަށް ފާޑުވިދާޅުވެފައެވެ.

ރަޝިޔާގެ ރައިސް ވްލޭޑްމިއާ ޕޫޓިން (ރީނދޫ ހެޒްމެޓް ސޫޓްގައި) ކޮވިޑް-19ގެ ޕޭޝަންޓުންނަށް ޒިޔާރަތް ކުރައްވަނީ/ފޮޓޯ: ޕޮލީގްރާފް އިންފޯ

އދގެ ސަލާމަތީ މަޖިލީހުގެ ގަރާރު އެކުލަވާލުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތްކުރަނީ ފަރަންސޭސިވިލާތުން ކަމަސްވާއިރު، މިހާލަތުގައި މިކަންކާމިޔާބު ވެދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯ ބާރު ލިބިފައިވާ އެމެރިކާއިންވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންދާއިރު، ވީޓޯ ބާރުތަކުގެމެދުގައި ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތްތައްވެސް އަދި ވަނީ ކޮޅެއްގައި ނުޖެހިއެވެ.