ދުނިޔެ އަދު ދެކެމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ނޭދެވޭ އަސަރުތަކުން، އެމެރިކާއާއި ދުނިޔޭގެ އެކި ގައުމުތަކުން އެދެވޭ މަސައްކަތްތަކެއް ކުރި ނަމަ ދުރުވެވުނު އަސަރުތަކަކަށް ވީސް ކަމަށް މައިކްރޯސޮފްޓް ކުންފުނީގެ ކޯ ފައުންޑާ އަދި އިންސާނީ އެހީގެ ދާއިރާއަށް މިހާރު ހިދުމަތް ކުރަމުން ގެންދާ މަހުޖަނު ބިލް ގޭޓްސް ބުނެފިއެވެ.

ބައިނައަލްއަގުވާމީ ޚަބަރު ފެތުރުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ސީއެންއެންގެ ގްލޯބަލް ޓައުންހޯލްގައި ވާހަކަދައްކަމުން ގޭޓްސް ބުނީ، މިއަހަރުގެ ޖެނުއަރީ މަހާއި ފެބުރުއަރީ މަހަށް ބަލާއިރު އާބާދީގެ ތެރޭގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަނަމަ، މިއަދު މިދެކޭ ގެއްލުން ދެނިވި އިގުތިސޯދީ ކާރިސާއިން ދުރުވެވުނީސް ކަމަށެވެ. ދުރާލާ އުޅުނުނަމަ، ކުޑަ ގެއްލުމަކާއެކު މައްސަލަތަކަށް ހައްލު ހޯދާނެ އާލާތްތަކެއް ތައާރަފުކުރެވުނީސް ކަމަށްވެސް ގޭޓްސް ވަނީ ފާހަގަކޮށްފައެވެ.

ދަ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންއަށް ލިޔުނު އާޓިކަލްއެއްގައި ގޭޓްސް ވަނީ، މިފަދަ ބަލިމަޑުކަމަކަށް ދުރާލާ ތައްޔާރުވުމަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ދިފާއީ ބަޖެޓަށް ބަލާއިރު މިއިން ކޮންމެ ފައިސާ ފޮއްޗެއްގައިވެސް އަގެއް ހުރީސްކަން ގޭޓްސް ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އެމްބިއުލާންސްއަކަށް އަރުވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާއިން ދިފާއީ ކަންކަމުގެ ނަމުގައި ހޭދަކުރާ ބަޖެޓްގެ 5 ޕަސެންޓް ނުވަތަ އެއަށްވުރެވެސް ކުޑަ މިންވަރެއް ޚަރަދުކޮށްގެން، މިފަދަ ބަލިމަޑުކަމަކަށް ދުރާލާ ތައްޔާރުވެ، މުދާ ގުދަންކޮށް، ސިމިއުލޭޝަން މަސައްކަތަށް ތައްޔާރުވެ އަހުލުވެރިވެވުނީސްކަމަށްވެސް ގޭޓްސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނުރައްކާ، އޭގެ އެންމެ އިންތިހާއަށް އެމެރިކާއަށް ކުރިމަތިވެގެންދިޔައިރު، ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދުގެ ހަރަކާތްތައްވެސް މުޅިންހެން ހުއްޓުމަކަށް އައެވެ. ވަޒީފާ ގެއްލި ހާލުގައި ޖެހުނު މީހުންގެ އަދަދު މިލިއަނުން ގުނެން ފެށިއެވެ.

އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު، އެ ގައުމުން 1069534 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ 63001 އަށް އަރާފައެވެ.