ރަޝިއާގެ ބޮޑުވަޒީރު މިކީލް މިޝައިސްޓަން ވަގުތީ ގޮތުން އެ މަގާމުން އެކަހެރިވެވަޑައިގަންނަވާނެ ކަން، އެ ގައުމުގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް ދަންނަވާފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
ރަޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގެ މިޝައިސްޓަން ވަގުތީ ގޮތުން އެކަހެރިވެވަޑައިގަންނަވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އޭނާ ޕޮޒިޓިވްވެފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
އުމުރުފުޅުން 54 އަހަރުގ މިޝައިސްޓުން ވަގުތީ ގޮތުން އެކަހެރިވެވަޑައިގަތުމާއެކު، ބޮޑުވަޒީރު ކަމުގެ މައްސޫލިއްޔަތުތައް އަދާކުރައްވަން އެންމެ ގާބިލު ބޭފުޅަކީ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އެންދްރޭ ބިލޫސެފް ކަމަށް މިޝައިސްޓުން ހިޔާލުފުޅު ދެއްވާފައިވާކަމަށް ޚަބަރު ލިބެއެވެ. ބިލޫސެފްއަކީ ޕޫޓިންއާއި ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ، އިގުތިސޯދީ ތަޖުރިބާކާރެކެވެ.
ކޮވިޑް-19އަށް މިޝައިސްޓުން ޕޮޒިޓިވްވެފައިވާކަމުގެ ޚަބަރު ޕޫޓިންއަށް ދެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވައެވެ. މި ބައްދަލުކުރެއްވުމުގައި ޕޫޓިން ވަނީ މިޝައިސްޓުންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި ވަގުތީ ބޮޑުވަޒީރު ކަމުގެ މައްސޫލިއްޔަތު ބިލޫސެފްއަށް ހަވާލުކުރެއްވުމަށްވެސް ޕޫޓިން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މިޝައިސްޓުންއަކީ ކޮވިޑް-19އާ ދެކޮޅަށް ރަޝިއާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ އިސް އެއް ކޯޑިނޭޓަރެވެ. އަދި މިއީ ރަޝިއާގެ ލީޑާޝިޕުން ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އާންމުކޮށް އިއުލާންކުރެއްވި ފުރަތަމަ ޝަހްސުވެސްމެއެވެ.
ރަޝިޔާގައި ކޮވިޑް-19 ފެތުރިގެންގޮސްފައިވާ ހާލަތަށް ބަލާއިރު އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 106498 އަށް އަރާފައެވެ. މީގެ ތެރެއިން އެކްޓިވް ކޭހުގެ ގޮތުގައި 93806 ކޭހެއް ފާހަގަކޮށްފައިވާއިރު، 2300 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. މި ބަލީގައި ރަޝިއާއިން މަރުވި މީހުންގެ އަދަދު ވަނީ 1073 އަށް އަރާފައެވެ.
ކަންމިހެން އޮތްއިރު، ކޮވިޑް-19އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަނގުރާމަ ކުރަމުންދާ ސިއްހީ ހިދުމަތްތެރިންނާ ތަޖުރިބާކާރުންގެ ހަށިރައްކަލަށް ބޭނުންކުރަންޖެހޭ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އެކަށީގެންވާ މިންވަރަކަށް ލިބުމުގައި ދަތިތަކެއް ހުރިކަން، ޕޫޓިން ވަނީ ފާހަގަކުރައްވާފައެވެ.