ރާއެްޖެއިން އިތުރު 72 ބިދޭސީން ޕޮޒިޓިވްވެ، ޖުމްލަ އަދަދު 468 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިރޭ ޕޮޒިޓިވް ވެފައިވާ 72 މީހުންނަކީ ވެސް ބިދޭންސީން ކަމަށާއި ޕޮޒިޓިވްވި އެންމެންނަކީ ވެސް ބަންގްލަދޭޝަށް ނިސްބަތްވާ މީހުން ކަމަށެވެ.

އިއްޔެއަކީ ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 119 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 191 އަރާފައެވެ. ރާއްޖެއިން ޖުމްލަ 468 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 95 މީހުންނަކީވެސް ބިދޭސީންނެވެ. އަދި އެ އެންމެންނަކީވެސް އެއް ތަނެއްގައި އުޅެމުން ދިޔަ ބައެއް ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ. އެ 95 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަަށް ނިސްބަތްވާ 61 މީހަކާއި އިންޑިއާގެ 32 މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހެކެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބިދޭސީން ދިރިއުޅޭ ތަންތަނުގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާއިރު، ކޮވިޑް-19ގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ މިވަގުތު 23 ތަނެއް ފުލުހުން މޮނިޓާ ކުރަމުން ގެންދާ ކަމަށެވެ. އެ ތަންތަނުގައި 1085 މީހުން އުޅެމުން ގެންދާ ކަމަށާއި އެ ތަންތަނުގައި އުޅޭ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.