ގދ. ތިނަދޫން މަރުވި ދެމީހުން ކޮވިޑަށް ނެގެޓިވް ކަމަށް އެންއީއޯސީން ހާމަ ކޮށްފިއެވެ.

ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި 87 އަހަރުގެ މީހަކާއި 78 އަހަރުގެ މީހެއްގެ ސާމްޕަލް ނަގާ ކޮވިޑަށް ވަނީ ޓެސްޓްކޮށްފައެވެ. އެ ދެ މީހުންނަކީ ވެސް ނޭވާލުމުގެ މައްސަލަތަކެއް ކުރިމަތިވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެ މީހުންނެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި 87 އަހަރުގެ މީހަކާއި 78 އަހަރުގެ މީހާގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓު ކުރިއިރު އެ ދެމީހުން ނަތީޖާވެސް ވަނީ ނެގެޓިވްވެފައި ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ގދ. މަޑަވެލި، 87 އަހަރުގެ އުމުރން ދުވަސްވީ މީހާއާ މެދު އަމަލުކޮށްފައިވާ ގޮތާމެދު އާއިލާއިން ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ. އާއިލާއިން ބުނީ އޭނާ މަރުވުމާއި ހަމައަށްވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރާއި ނަރުހަކު ވެސް ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި ތިން ދުވަސްވަންދެން އައިސީޔޫގައި ފަރުވާ ދީފައިވާއިރު ކޮވިޑަށް ޓެސްތު ނުހެދުމުން ތިނަދޫ ހޮސްޕިޓަކަށް އާއިލާގެ ފަރާތުން ވަނީ ފާޑުކިޔާފައެވެ.

އެކަމާއި ގުޅިގެން ތިނަދޫ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މަރުވި87 އަހަރުގެ މީހާއަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ގެ އަލާމާތްތައް ހުރި މީހެއް ކަމަށާއި އެކަމާ ގުޅިގެން އެ ހޮސްޕިޓަލުން އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރި ކަމަށެވެ. އަދި އެޗްޕީއޭގެ އިރުޝާދުގެ ދަށުން މިދިޔަ އާދީއްތަ ދުވަހު އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށާއި އަދި އޭނާ މާލެއަށް ފޮނުވާލުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ މަރުވެފައިވާ ކަމަށް ތިނަދޫ ހޮސްޕިތަލުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި ހިނެއުމާއި ވަޅުލުމުގެ ކަންކަން ކޮށްފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އަދި މިވަގުތު މީހަކު ސާސް އަށް ޝައްކު ކުރެވޭ ނަމަވެސް ކަންކުރަމުން ދާނީ ހަމަ މި އުސޫލުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ކަމާ ގުޅިގެން މަރުވި މީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލައެއް ހުށަނާޅާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.