1085 ބިދޭސީން ދިރިއުޅޭ 23 ތަނެއް މިހާރު ހުރީ ކަރަންޓީނުގައި ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، 1085 ބިދޭސީން ދިރިއުޅޭ 23 ތަނެއް ކަަރންޓީން ކުރެވިފައިވާ އިރު އެތަންތަނުގައި ތިބި މީހުންގެ ކަންކަން ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދާ ކަމަށެވެ.

މިއަދު 116 ފަރާތެއް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން މިއަދު ފެނުނު 95 ބިދޭސީންނަކީ ކަރަންޓީން ކުރެވިފައިވާ ބިދޭސީން އުޅޭތަންތަނުން ފެނުނު ކޭސްތައް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ތަންތަނާ ބެހޭ ގޮތުން މޫވްމަންޓްތަކެއް އެބަހުރި ކަމަށާއި އެކަން ޔަގީންކުރެއްވުމަށްފަހު ފަހުންް ހިއްސާކުރައްވާނެ ކަމަށްވެސް މަބރޫކް ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 95 ބިދޭސީން ހިމެނޭ އިރު އޭގެތެރޭގައި ހިމެނެނީ ބަންގަލަދޭޝްގެ 61 ފަރާތަކާއި، އިންޑިއާގެ 32 ފަރާތަކާއި ނޭޕާލް ދެމީހުންނެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ޖުމްލަ 396 ފަރާތެކެވެ. އެއީ 143 ދިވެހިންނާއި 253 ބިދޭސީންނެވެ. މިހާތަނަށް 3501 ކޮންޓެކްޓް ޓްރޭސިން ހޯދިފައިވާ އިރު ޖުމްލަ 261 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. އައިސޮލޭޗަން ފެސިލިޓީގައި މިވަގުތު 320 މީހުން ތިބި އިރު ކަރަންޓީން ފެސިލިޓީގައި ތިބީ 1195 މީހުންނެވެ. މިއަދު މި ކަރަންޓީން ފެސިލިޓީތަކުގައި ތިބި 123 މީހުން ވަނީ ދޫކޮށްލާފައެވެ.