ކޮވިޑް-19 އަށް ޓެސްޓް ކުރަން އިތުރު 5000 ޓެސްޓް ކިޓް ގެނެސްފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ތައިލެންޑާއި ސިންގަޕޫރަށް ރާއްޖޭގެ ކާގޯ ބޯޓެއް ގޮސް މިރޭ މާލެ އައިސްފައިވާއިރު އޭގެން 5000 ޓެސްޓް ކިޓް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެ ބޯޓުން ގެނެސްފައިވާ ތަކެތި ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ 5000 ޓެސްޓް ކިޓާއި 5000 މާސްކާއި 500 ސެޓް ޕީޕީއީ އަދި 15 އޮޓޯ ބައިޕާސް ނޮން އިންވޭސިވް ވެންޓިލޭޓަރު ގެނެވިފައިވާ ކަމަށެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ފެންނަ އަދަދު މިދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. އެގޮތުން މއިަދަކީ އެންމެ ގިނަ އަދަދަކަށް މިބައްޔަށް މީހުން ޕޮޒިޓިވް ވެފައިވާ ދުވަހެވެ. މިއަދު ވަނީ ޖުމަލް 116 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް އައި އރު މި ބައްޔަށް ޓެސްޓްކުރުމަށް 8008 ސާމްޕަލް ވަނީ ނެގިފައެވެ.
މިއަދާ ހަމައަށް ރާއްޖެިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 396 އަކަށް އަރާފައެވެ. އެއީ 143 ދިވެހިންނާއި 253 ބިދޭސީންނެވެ.