އިއްޔެ ކޮވިޑް ޖެހިފައިވާ މީހަކު ރާއްޖެއިން މަރުވެފައިވާއިރު އޭނާގެ ފިރިމީހާއަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން ދާކަން ހާމަވެއްޖެއެވެ.
ރޭ މަރުވެފައި ވަނީ އުމުރު 83 އަހަރުގެ އައިމިނަތު އާދަމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރޭ ކޮވިޑް މަރުވި މީހާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާގެ މެސެޖަކާއެކު ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓަށް ކޮމެންޓް ކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވީ އައިސީޔޫގައި އޮތް ނިޔާވި މީހާގެ ފިރިމީހާ އަށް ޝިފާއަށް އެދި ދުއާކުރައްވާ ކަމަށެވެ.
ރޭ މަރުވި މީހާއަކީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާ [ކޭސް 126] އާ ގުޅުން ހުރި މީހެކެވެ. ކޮވިޑް ޖެހި އުމުރުން 83 އަަހަރުގެ މީހަކު މަރުވެފައި ވާއިރު، އޭނާއަށް އަޅާ ނުލެވި ލަސްވެގެން ދިޔަ ކަމުގެ ޝަކުވާތައް އޭނާގެ އާއިލާގެ ފަރާތުން ހާމަކޮށްފައި ވެއެވެ. އެގޮތުން އޭނާ ބަލިކަމާ، އޭނާއާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަމުން ގެންދިޔަ ނަމަވެސް ފަރުވާ ކުޑަކުރިކަމުގެ ތުހުމަތު ކޮށްފައި ވެއެވެ.
ރޭ ނޫސްވެރިންނާއި ބައްދަލުކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެކަމުގައި އެއްވެސް ބައެއްގެ އިހުމާލެއްވޭތޯ ބެލުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން މިއަދު އެކަނިވެސް ކޮވިޑް19 އަށް ޖުމްލަ 107 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 396 އަށް އަރާފައެވެ. ހަމައެއާއެކު އަންނަ މަހުގެ 30ގެ ނިޔަލަށް ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
ނޫސްކޮންފަރެންސް ތަކުން ޑޮކްޓަރުން ދެއްކިވާހަކަތަކަށް ބަލާއިރު ވަކިހިސާބަކުން ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ގޮސްފިނަމަ މަރުވާމީހުން މަރުވާންވެސް ދޫކޮށްލަން ޖެހިދާނެ! އެއީ މިކަމާ ގުޅޭގޮތުން ފާހަގަކުރެވޭ ޕޮއިންޓެއް. މިކޭސް އަރާހަމަކުރިއިރު މީހުންތައް ބައިތިއްބާފައި ތިބި ތަންތަނުން ބަދަލުކުރުން ވެސް ދިޔާ ސިއްހީ ދާއިރާޔަށް ކުރިމަތިވީ ބޮޑު ހަގުރާމަޔަކަށް. އަޅާނުލެވި ތިއޮތީ. މިހެން ބުނެވިދާނެ މިހާރު ސިއްހީ ދާއިރާގައި ހުރި މޭންޕަވަރ އަށް ބަލައި ވިސްނާލީމާ.
އަވަސް ޝިފާއެއް މިންވަރުކުރައްވާށި... އާމިން.