ކޮވިޑް-19 އާއި ގުޅިގެން 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަ ގޮތްތަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އާއްމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްޓްރީން ބުނީ މާލޭގައި އޮންލައިކޮށް ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައިވީ ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ރަށު ކައުންސިލު މެދުވެރިކޮށް ކަމަށެވެ. މާލެ ފިޔަވައި އެހެން ރަށްރަށުން ފިތުރު ޒަކާތް ދައްކަންޖެހޭ އަގު އެރަށެއްގެ ކައުންސިލުން އާއްމުކުރާނެ ކަމަށަްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮންމެ ރަށެއްގައި އަގު ކަނޑައަޅާނީ އެރަށެއްގައި އަހަރުތެރޭ ކައިއުޅުނު ހަނޑުލާ ފުށުގެ ބާވަތްތަކުން މިނިސްޓްރީގެ ފަރާތުން އަންގާފައިވާއިރު އެރަށެއްގައި ހަޑުލާ ފުށް ލިބެން ހުންނަ އަގުތަކަށް ބެލުމަށްފަހު ފަޤީރުންނަށް ގެއްލުން ނުވާނެގޮތުގެ މަތިން ފަރުދަކަށް 2.4 ކިލޯއަށް ޖެހޭ އަގު ޒަކާތުގެ ގޮތުގައި ދެއްކުމަށް ކައުންސިލުތަކަށް ވަނީ މިނިސްޓްރީގެ ފަރާތުން އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ފިތުރުޒަކާތް ދައްކަވާއިރު ކޮންމެ މީހަކުވެސް ފިތުރުޒަކާތް ދައްކަން ޖެހޭނީ އެ މީހަކު ދިރިއުޅޭ ރަށެއްގައި ފިތުރު ޒަކާތް ދެއްކުމަށް ކަނޑައަޅާފައިވާ އަގުތޯ ޔަޤީންކުރުއްވުމަކީ ވަރަށް މުހިންމުކަމެއްކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކުރެއެވެ.

ހަމައެހެންމެ މާލެ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުން ޒަކާތް އެރަށެއްގެ ކައުންސިލާ ހަވާލުކުރެއްވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިލްތިމާސްކުރެއެވެ. އޮންލައިކޮށް ދައްކާ ފައިސާ އަކީ މާލޭގެ ފަގީރުންނަށް ބެހުމަށް ހަމަޖެހިފައިވާ ފައިސާއަށް ވާތީ، އެގޮތަށް ހަމަޖައްސާފައި މިވަނީ ޒަކާތް ހައްގުވާ އަހުލުވެރިންނަށް އެ ފައިސާ މި ދަނޑިވަޅުގައި ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސެވުމަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާލޭގައި ޒަކާތް ދައްކާ ފަރާތްތަކުން ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގު ތައް:

މާލޭގައި ޒަކާތް ދައްކާ ފަރާތްތަކުން ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގު ތައް

ރަށްރަށާއި ހިލާފަށް މާލޭގައި ޒަކާތް ދައްކުމަށް ހަމަޖެހިފައިވަނީ ދިރާގު ޕޭއި އެންޑް ލައިފްސްޓައިލް އެޕްލިކޭޝަން އަދި އެސްއެމްއެސް، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސް އެމް އެސް، ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށެވެ. މީގެ އިތުރުން އެމްއައިބީގެ އޮންލައިން ބޭންކިންގ " ފައިސާ ނެޓް" އަދި މޯބައިލް ބޭންކިންގ "ފައިސާ މޯބައިލް" ގެ ޒަރީއާއިން ޒަކާތްދެއްކޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މިއަހަރު ފިތުރު ޒަކާތް ބަހަން ނިންމާފައިވަނީ އެންމެ ފަހުން އެކުލަވާލެވުނު ފަގީރުންގެ ދަފްތަރަށެވެ. މި ދަފްތަރު އެކުލަވާލެވިފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު ގައެވެ. ކޮވިޑް-19 އާގުޅިގެން މި އަހަރުގެ ފިތުރު ޒަކާތް ބެހުމަށްޓަކައި ދަފްތަރަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި އެގޮތަށް މިކަން ނިންމާފައިމިވަނީ ކޮވިޑް-19 އާއި ގުޅިގެން ފަގީރުންގެ ދަފްތަރު އެކުލަވާލުމުގެ އެކަށީގެންވާ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައިވާ ނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި މިހާރު ތިބި ފަގީރުންގެ ޖުމްލަ އަދަދަކީ 8764 އެކެވެ. މީގެ ތެރެއިން މާލޭގެ ދަފްތަރުގައި 1717 ފަރާތަކުން ރަޖިސްޓަރީ ވެފައި ވާއިރު، އަތޮޅު ތެރޭގައި 7047 މީހަކު ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައި ވެއެވެ. މާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. އަދި ރަށްރަށުން އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ތާރީހަކާ ހަމައަށް ޒަކާތް ދެއްކެވުމަށް ވަނީ އަންގާފައެވެ.