ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މޭއި މަހުގެ 30 ވަނަ ދުވަހާއި ހަމަޔަށް އިތުރުކޮށްފިއެވެ.

މިކަން އިއުލާން ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއި ކުރައްވާ ނެރުއްވި އެންގެވުމެއްގައެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް ޝާއިއު ކޮށްފައިވާ އެ ދެންނެވުމުގައި މިނިސްޓަރު އަމީން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، މިއަދު ގެ ނިޔަލަށް ދެމެހެއްޓުމަށް މި މަހުގެ 10ވަނަ ދުވަހު ނިންމައިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ މަހުގެ 12ވަނަ ދުވަހުގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށް ހެލްތު މިނިސްޓަރު އަމީނަށް ލަފާ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، 12 މާރިޗު 2020 އިން ފެށިގެން 30 މޭ 2010 ގެ ނިޔަލަށް، ދެމެހެއްޓުމަށް ނިންމައި، އެކަން އިއުލާނުކޮށްފައިވާ ކަމަށެވެ.

އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށްވެސް އެ ދެންނެވުމުގައި މިނިސްޓަރު އަމީން ވިދާޅުވެފައިވެއެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 30ގެ ނިޔަލަށް އިތުރު ކޮށްފައިވާއިރު މާލެއިން މި މަހުގެ 15ވަނަ ދުވަހު ކޮވިޑް19 ވަނީ ފެނިފައެވެ. އެއާއިއެކު މިބަލި ހަލުވިކަމާއި އެކު ރާއްޖޭގައި މިހާރު އަންނަނީ ފެތުރެމުންނެވެ. މުޅި ރާއްޖެއިން މިހާތަނަށް މި ބައްޔަށް 280 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މާލެއިން މި ބަލި ފެނުމުން މާލެ ސަރަހައްދު ވަނީ ލޮކްޑައުންވެސް ކޮށްފައެވެ.