ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު މި އަންނަ މޭއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމު ވެރިންގެ ލަފާގެ މަތިން، 19 އޭޕްރީލް 2020 ވީ އާދީއްތަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، 14 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގާފައިވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި، މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ކުރުމަށްވަނީ ނަސޭހަތްތެރިވެފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ފަސްކޮށްފައިވާއިރު، އިތުރު 14 ދުވަހުގެ މުއްދަތަށް ސަރުކާރުވެސް ވަނީ ބަންދުކޮށްފައެވެ.