ރާއްޖެއިން ކޮވިޑް19 އަށް އިތުރު 6 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ދާދި ދެންމެއަަކު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން އިތުރު 6 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައި ވަނީ 1 ބިދޭސީއަކާއި 5 ދިވެހިންނެވެ. އަދި ޕޮޒިޓިވްވި ބިދޭސީ މީހާއަކީ ބަންގްލަދޭޝް މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފިޓު ޖެހިގެން އައިޖީއެމްއެޗަށް ގެންދިޔަ ބަންގްލަޑޭޝް މީހަކު ކޮވިޑަށް ޓެސްޓު ކުރެވި އޭނާގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ފަތިހު ވަނީ ބުނެފައެވެ. ޓޯނިކް-ކްލޯނިކް ސީޒާ އަކީ ކޮރޯނާވައިރަސް ޖެހޭ މީހުންގެ ތެރެއިން ބޮޑުވަރުވާ މީހުންގެ ފުށުން ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެ އަށްވުރެވެސް ގިނަ ކޭސްތައް ފެނުމުގެ ފުުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ހިތާބުގައިވެސް އެކަން ފާހަގަ ކުރަށްވާ ކުރިއަށް އޮތް ދެ ހަފްތާގައި އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާނަތައް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސް އެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 557 މީހަކު މިއަދާ ހަމައަށް ޕޮޒިޓިވް ވެފައި ވާއިރު އެންމެ ގިނައީ ބިދޭސީންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 361 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިންވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 283 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު ދިވެހިންގެ ތެރެއިން 196 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.