ބ. ގޮއިދޫއިން ފަތާފައި އެއަތޮޅު ފެހެންދޫއަށް ދިޔަ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ކޮވިޑް19 އާއި ގުޅިގެން ވަކި އުސޫލަކުން ނޫނީ އެއް ރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް، މިއަދު ބ. ގޮއިދޫއިން މީހަކު ފަތާފައި ބ. ފެހެންދޫއަށް ގޮސް އެނބުރި ގޮއިދޫއަށް ދަނިކޮށް ފަޅުތެރެއިން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކުރީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މަނާކޮށްފައި ވަނިކޮށް ގޮއިދޫއިން ފަތާފައި އެއަތޮޅު ފެހެންދޫއަށް ދިޔަ މީހަކު ފުލުހުން މިއަދު ހައްޔަރު ކޮށްފައިވާއިރު، ނ. މާފަރު މޮނީޓަރިންގެ ހާލަތަށް ގެނެސް ރަށުން ބޭރަށް ދިއުން މަނާކޮށްފައި ވަނިކޮށް، މަސްދަތުރު ދިޔަ ދެމީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެދެމީހުން މަސް ދަތުރުގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އެމީހުން ވަނީ ރޭ 22:40 ހާއިިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 59 އަހަރުގެ މީހަކާއި 44 އަހަރުގެ ދިވެހިންނެވެ.