މާލޭގައި ކޮވިޑް19 ފެތުރޭ މިންވަރު ދެނެގަތުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނަގަމުން ގެންދިޔަ ރެންޑަމް ސާމްޕަލްތައް ނެގުން ހުއްޓާލަފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެގު ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރު އަލީ ލަތީފު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުން ރެންޑަމް ސާމްޕަލްތަކެއް ނަގަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ޓެސްޓު ކުރާ މިންވަރު އިތުރު ނުކުރެވޭއިރު ރެންޑަމް ސާމްޕަލް ނެގުމުގެ މާނައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ލަތީފު ވިދާޅުވީ ކުރީކޮޅު ރެންޑަމްކޮށް ސާމްޕަލްތައް އެޗްޕީއޭ އިން ނެގީ ކޮމިއުނިޓީ ތެރޭގައި ވައިރަސް ކިހާވަރަކަށް ފެތުރިފައި އޮއްތޯ ބެލުމަށް ކަމަށެވެ. އެގޮތައް ރެންޑަމް ސާމްޕަލިން ނަގާ ކަމަށްވާ ނަމަ ކޮންމެ ޓެސްޓެއްގެ ނަތީޖާ އައުން ލަސްވެގެންދާނެ ކަމަށް ޑރ. ފާހަގަކުރެއްވިއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑް19 ގެ ޓެސްޓުތައް އަތޮޅު ތެރޭގައި ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
މި ބަލި މާލޭގައި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެއާއި އެކު މާލޭގައި މިބަލި އަންނަނީ ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. ރާއްޖެއިން މިހާރު ކޮވިޑް19 ޖެހިފަިއވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 280 އަށް އަރާފައެވެ. ރޭގެ ވަގުތެއްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް19 ޖެހިގެން ވަނީ މީހަކުވެސް މަރުވެފައެވެ.