ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފު ކުރައްވައިފިއެވެ.
މާލެއިން ކޮވިޑް19 ފެނުމާ އެކު ގައުމީ ހިދުމަތުގައި ރެއާއި ދުވާލު ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރާ މަސައްކަތްތަކަށް އާއްމުންގެ ތައުރީފު އަންނަނީ ލިބެމުންނެވެ.
ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ މީހުންގެ އަދަދު 280 އަށް އަރާފައި ވާއިރު ރޭ ވަނީ ފުރަތަމަ ފަހަރަށް މިބަލި ޖެހިގެން ރާއްޖެއިން މީހަކު މަރުވެފައެވެ. އެމީހާ ހިނަވާ އަދި ވަޅުލުމުގެ ކަންކަން ކުރިޔަށް ގެންދިޔައީ ސިފައިންނެވެ. އެމީހާ ވަޅުލުމުގައި އިސްކޮށް ހަރަކާތްތެރިވީ އަންހެން ސިފައިންނެވެ. ޗީފް އޮފް ޑިފެންސް ވަނީ ރޭ މަރުވި މީހާ ވަޅުލުމުގައި ހަރަކާތްތެރިވި ޖަމާއާތްތެރިންނަށް [އަންހެން ސިފައިން] ސެލިއުޓު ކުރައްވަ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ތެރެއިން ބަޔަކަށް ކޮވިޑް19 ޖެހި މިހާރު ކޮވިޑް19 ޖެހުނު މީހުންގެ އަދަދު އިތުރުވި ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ސިފައިން ދެމި ތިބޭނެ ކަމަށެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ސިފައިންނަށް ވެސް ވަނީ އެ ބަލި ޖެހިފައެވެ. މިހާތަނަށް 20 މީހަކަށް ބަލި ޖެހުނު ނަމަވެސް އެ އަދަދު ވެސް އިތުރުވެދާނެ ކަމަށް އެޗްޕީއޭ އިން ވެސް ބުނެއެވެ.