ކޮވިޑަށް ރާއްޖެއިން އިތުރު 95 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 61 މީހަކާއި އިންޑިއާގެ 32 މީހަކާއި ނޭޕާލުގެ 2 މީހުންނެވެ.

މިއަދު މިޙާތަނަށް 95 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ޖުމްލަ އަދަދު ވަނީ 375 އަށް އަރާފައެވެ. މީގެ ތެރެއިން 17 މީހަކު މިހާރު ބަލިން ރަނގަޅު ވެފައި ވާއިރު، 2 މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 358 މީހުންނެވެ.

ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ވަނީ މި ބަލީގައި ރާއްޖެއިން މަރުވި ފުރަތަމަ މީހާ މަރުވެފައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް ބާރަށް ފެތުރި ޕޮޒިޓިވް ވާ މީހުންގެ އަދަދު މައްޗަށް ދާއިރު، ރާއްޖޭގެ ބައެއް ރަށްރަށުންވެސް މިހާރު ވަނީ ކޮވިޑް ފެނި ކޮމިއުނިޓީ ޓްރާންސްމިޝަން ކަމުގައި ކަނޑައަޅާފައެވެ.

މިހާލަތާ ގުޅިގެން މާލެ ސަރަހައްދު ވަނީ މިމަހު 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތެއްގައެވެ. އަދި މީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުން ވެސް މި ބަލި ފެނިފައިވުމާއެކު ބައެއ ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.