ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޝިފާ ލިބި، ރަނގަޅުވި މީހުންގެ އަދަދު 1 މިލިއަނަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19ޖެހި، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1000355 އަށް އަރާފައެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ކަށަވަރުވެފައެއް ނުވެއެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ މީހުންގެ ގާތްގަނޑަކަށް 97 ޕަސެންޓް މީހުންގެ ހަށިގަނޑުން އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. މި ބައްޔަށް ވަކި ފަރުވާއެއް ނެތް އިރު، ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރަމުންދަނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވެފައިވަނީ އެމެރިކާއިންނެވެ.
- އެމެރިކާ: 1064572 ކޭސް | 147411 މީހުން ރަނގަޅުވެފަ
- ސްޕެއިން: 236899 ކޭސް | 132929 މީހުން ރަނގަޅުވެފަ
- ޖަރުމަނުވިލާތް: 161539 ކޭސް | 120400 މީހުން ރަނގަޅުވެފަ
- ޗައިނާ: 82862 ކޭސް | 77610 މީހުން ރަނގަޅުވެފަ
- އީރާނު: 93657 ކޭސް | 73791 މީހުން ރަނގަޅުވެފަ
ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 އަކަށްވުރެ ގިނަ ގައުމާ ސަރަހައްދުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކޮށްފައިވާއިރު، މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 3.2 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 1991755 ކޭހެއް އޮތްއިރު، މީގެ ތެރެއިން 59811 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 228236 އަށް އަރާފައެވެ.